އަމިއްލަ ކުންފުންޏަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް އެޗްޑީސީގެ އިސް ބައެއް ބޭފުޅުން ހާޒިރުކުރަން ނިންމައިފިއެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީން މަޝްވަރާކުރީ އެޗްޑީސީން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކަނޑުވައި އެކްސްޕޯޓަށް ތިލަފުށީގެ ބިމެއް ބޭނުންކުރުމަށް ދިން ހުއްދައާ ގުޅިގެން އުފެދުނު މައްސަލައާ ބެހޭ ގޮތުންނެވެ.

އެ މައްސަލައާ ގުޅިގެން، އިތުރު ތަފްސީލް ހޯދުމަށްޓަކައި އެޗްޑީސީގެ އިސްވެރިން ހާޒިރުކުރަން ކޮމިޓީން ވަނީ ނިންމާފައެވެ.

ކަނޑުވައި އެކްސްޕޯޓުން މައްސަލަ ހުށަހެޅީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެޗްޑީސީގެ އިސްވެރިންތަކެއް އެ ކުންފުނީގެ މަސައްކަތަށް ހުރަސް އަޅައި، މަސައްކަތް ހުއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ބުނެއެވެ.

ޖަވާބުގައި އެޗްޑީސީން ބުނީ، ކަނޑުވައި އެކްސްޕޯޓުން އެދުނީ "ސަންޓޫނާ" ނަމަކަށް ކިޔާ ބާޖެއް ބާދަގަނޑަށް ހެދުމަށް ތިލަފުށިން ތިން މަސް ދުވަހަށް ޖާގައެއް ހޯދަން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން ހުއްދަދިން ފަހުން އިތުރު ބާޖެއް ވައްދައި، އެހެން މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން ދިޔަ ކަން ފާހަގަވިކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީގެ ހުއްދަ ނުހޯދައި އެ ސަރަހައްދަށް އިތުރު އުޅަނދެއް ނުވެއްދޭނެ ކަން އަންގާފައިވީ ނަމަވެސް، އެކަން ހުއްޓާނުލުމުން ފުލުހުންނަށް އަންގައިގެން ހުއްޓުވީ ކަމަށް ވެސް ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ ކޯޕަރޭޝަނުން ކަނޑުވައި އެކްސްޕޯޓުގެ މަސައްކަތްތައް ހުއްޓުވީ، ގަވައިދާ ހިލާފަށް ތިލަފުށީގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދާ ކަން ފާހަގަކުރެވި، އެފަދަ ކަންކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުގެ ދަށުންނެވެ.

އެޗްޑީސީ އާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމުމުން، މިދިޔަ ޖެނުއަރީގެ ނިޔަލަށް ކަނޑުވައި އެކްސްޕޯޓަށް މުއްދަތު އިތުރުކޮށްދިން ނަމަވެސް، މުއްދަތު އިތުރުކޮށްދިނުމަށް އެ ކުންފުނިން ލިޔެކިއުމުން އަންގާފައިނުވާ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.