މުއްދަތު އިތުރުކޮށްގެން ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މާލީ ބަޔާންތައް ހުށަނާޅައިގެން އެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް އެކުލަވާލައި ނުނިމޭކަމަށް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބުނެފިއެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ސަރުކާރު ހިއްސާވާ 29 ކުންފުނިތަކުގެ ތެރެއިން ރަމަޟާން މަހުގެ ފަހު 10 ދުވަހާ ގުޅިގެން އިތުރުކޮށްދިން މުއްދަތަށް ފަހު މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް މާލީ ބަޔާންތައް 16 ކުންފުންޏަކުން ދިން ކަމަށާއި، 13 ކުންފުންޏަކުން މާލީ ބަޔާން ނުދީ އޮތް ކަމަށެވެ.

ކުންފުނިތަކުން މާލީ ބަޔާން ނުދޭ މައްސަލައިގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުވައިގެން ވެސް އިތުރަށް ލިބުނީ އެންމެ ތިން ކުންފުނީގެ މާލީ ބަޔާން ކަމަށް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެހެންކަމުން އަދިވެސް 10 ކުންފުންޏެއްގެ މާލީ ބަޔާން އެ އިދާރާއަށް ނުލިބެއެވެ.

މާލީ ބަޔާން ނުދޭ ކުންފުނިތަކުގެ ތެރޭ ފެނަކަ ކޯޕަރޭޝަން ވެސް ހިމެނެއެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން ކޮމިޓީގައި މައުލޫމާތު ދެއްވި އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި މާލީ ބަޔާންތައް މުއްދަތުގައި ދިނުމަކީ ވަގުތަށް އޮޑިޓް ރިޕޯޓު ނިންމަން ލިބޭ ބޮޑު ފަސޭހައެކެވެ. އޮފިޝަލް އިތުރަށް ވިދާޅުވިގޮތުގައި މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަތަރު ކުންފުންޏެއްގެ ރިޕޯޓު ޝާއިއުކުރެވިފައި ވާނެއެވެ. އަދި ރިޕޯޓިން ސްޓޭޖުގައި ހަ ކުންފުންޏެއް، ފީލްޑް ވޯކް ކުރަމުންދާ ހަތް ކުންފުންޏެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރު ޖެނެރަލްގެ އޮފީސް ހާޒިރުކޮށްފައި މި ވަނީ އެ އިދާރާ މިދިޔަ އަހަރު އޮޑިޓްކޮށް "ކޭޕީއެމްޖީ"ން ތައްޔާރުކުރި ރިޕޯޓާ ގުޅޭ ގޮތުން ބައްދަލުކުރުމަށެވެ.