މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައި ވާތީ އެންމެ ފުރަތަމަ އަސަރުކުރަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، އާމްދަނީ އާއި ބޭރު ފައިސާ ލިބުން ދަތިވުން ފަދަ ހާލަތްތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
ހަމަ އެހެންމެ، އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭހާއި ބޭހާއި ކާޑުގެ ބާވަތްތަކާއި ކުޑަކުދިންގެ ކާނާ ފަދަ އަސާސީ ތަކެތި ހުސްނުވެ ލިބެން ހުންނާނެ ކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ ވަރަށް ހުރިކަން އާންމުންނަށް ސާފުކޮށްދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް ކަމަށް، އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ ތެރެއިން 45 މެންބަރަކު ވޯޓު ދެއްވިއެވެ. ބަހުސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެކަންޏެވެ.
މީގެ 12 ދުވަހެއްހާ ކުރިން އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެއާއެކު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހެނދުނުގެ ނިޔަލަށް ބަންދުކުރިއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ ބަދަލު ހިފަން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދަށް 19 މިސައިލް ހަމަލާއެއް އަމާޒު ކުރިއެވެ. ކުރު ރާސްތާ މިސައިލުން ދިން އެ ހަމަލާގެ ތެރެއިން 18 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި އިރު ވެއްޓުނު ހަމައެކަނި މިސައިލުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި ދިވެހީންގެ ހާލަތާއި ރާއްޖޭގެ ވިޔަފާރިއާއި އިގްތިސޯދަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ސަރުކާރުން ބުންޏެވެ.