ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ދަރަނީގެ ފައިސާ ދައްކާފައި ވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު ކަމަށް ޝަރީއަތުގައި ވަކީލުން ވިދާޅުވެއްޖެއެވެ.
އިސްލާމިކް ބޭންކުން އިތުރު ބަޔަކާ އެކު ސިނާން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނު ނުދައްކާ އޮތުމުން އިސްލާމިކް ބޭންކުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅިއެވެ. އެ ކޯޓުން ސިނާންގެ ޣައިރު ހާޒިރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުކުމްކުރީ ހަ މަސް ތެރޭ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދު ނޫން އަދަދެއް ދައްކަން ޖެހޭނެ ކަމަށް އެ ހުކުމްގައި ބުނެފައި ވެއެވެ.
ނަމަވެސް އެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަމުން ނުދާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ވަނީ ތަންފީޒީ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ ކޯޓުގައި އޮއްވައި، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން މި އަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ދުވަހު ސިނާން ވަނީ ލޯނުގެ ފައިސާ އެއްކޮށް ދައްކާފައެވެ. އެހެންކަމުން މެޖިސްޓްރޭޓް ކޯޓުގައި އޮތް ތަންފީޒީ މައްސަލަ މާޗް މަހުގެ ތެރޭގައި ވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޣާލިބުގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ، ހަ މަސް ތެރޭ، ކޮންމެ މަހަކު ވެސް ވަކި ވަރެއް ދައްކަން ހުކުމް ކޮށްފައި ވީ ނަމަވެސް ސިނާން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިއުމަކީ ގާނޫނު އަސާސީގައި މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތެއް އުނިވާ ކަމެއްކަމށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ސިނާންގެ ކިބައިން އެ ޝަރުތު އުނިވެފައި ވާތީ، އޭނާގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައަޅައިދޭން ޝަރީއަތުގައި އެދިފައި ވެއެވެ.
އެ ދައުވާއަށް ޖަވާބުދާރީވަމުން ސިނާންގެ ވަކީލް މޫސާ އާލިމް ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމް އިއްވިކަން އޭނާއަށް އެނގިފައި ނެތް ކަމަށާއި އެ މައްސަލައަށް ކަނޑައަޅާފައި ހުރި ގާނޫނީ ވަކީލް މައްސަލައިން ތަނާޒަލްވެފައި ވަނީ އެންގުމަކާ ނުލައި ކަމަށެވެ. އެ ހުކުމް ކުރިކަން ވެސް އެނގުނީ އާންމުންނަށް ވެސް މައްސަލައިގެ މައުލޫމާތު ލިބުނު ގޮތަށް، ތަންފީޒީ މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށެވެ. ނަމަވެސް، ހުކުމްގެ މައުލޫމާތު ސިނާންއަށް ސީދާ އެނގުނު ތާރީހެއް ބުނަން ނޭނގޭ ކަމަށާއި ހުކުމް އޮތް ކަން އެނގުމާ އެކު ފައިސާގެ އިންތިޒާމް ހަމަޖެއްސުމަށް ފަހު، ފައިސާ ދައްކައި ނިންމާފައިވާ ކަމަށް އާލިމް ވިދާޅުވިއެވެ. އެއީ އަމިއްލަ އިހްތިޔާރުގައި ކުރެއްވި ކަމެއް ކަމަށާއި ތަންފީޒީ މައްސަލަ މިހާރު މެޖިސްޓްރޭޓް ކޯޓުން ވެސް ބާތިލްކޮށްފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ.
ހުކުމްގެ މުއްދަތުގެ ތެރޭ ސިނާން ފައިސާ ދައްކާފައިވާއިރު، އޭނާ ގާނޫނުއަސާސީއާ ހިލާފުވި ކަމަކަށް ނުބުނެވޭނެ ކަމަށް ވަކީލް ވިދާޅުވިއެވެ. ހެޔޮ ނިޔަތުގައި ފައިސާ ދައްކައި ނިންމާފައި ވަނީ ހުކުމަށް ނިހާއީ ބާރު ވެސް ނުލިބެނީސް ކަމަށާއި ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އުފަން ނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ އިރު، މައްސަލަގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ސުޖޫން (ރިޔާސަތު) އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.