ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު ހަވާލު ކުރި ކޮންޓްރެކްޓަރިންގެ ތެރެއިން އައިލެންޑް އެކްސްޕާޓް ކުންފޫނީގެ ދިވެހި ހިއްސާދާރެއްގެ އެސެޓްތަކުގެ މައުލޫމާތު ހޯދަމުން ދާ ކަމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބުނެފިއެވެ.
މި މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑިއަށެވެ. އެއަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ މަޝްރޫއު ވަނީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލު ކޮށްފައެވެ. އޭގެ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރިއެވެ. އެންމެ ފަހުން ބައެއް މަސައްކަތްތައް ނިންމުމަށް އެހެން ކުންފުނިތަކަކާ ވެސް ހަވާލުކުރިއެވެ.
މާލިއްޔަތު ކޮމިޓީގެ ސަބްކޮމިތީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޕޮލްކޯގެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކޮށްފައެވެ. އެގޮތުން މިހާރު ޑްރާފްޓް ރިޕޯޓް އެކުލަވާލައި ރިޕޯޓް ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. ޕޮލްކޯގެ މައްސަލަ ދިރާސާ ކުރުމައްޓަކައި ތިން ކޮންޓްރެކްޓަރުންގެ މައްޗަށް ބަހާލައިގެން ދިރާސާ ކުރަމުންދާ ކަމަށާއި މީގެ އިތުރުން ޕޮލްކޯގެ އިސްވެރިންނަށް ވެސް ކޮމްނެޓް ކުރަން ފުރުސަތު ދީ އެ ކޮމެންޓްތައް ވެސް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ބުނެފައި ވެއެވެ.
މި މައްސަލަ ދިރާސާ ކުރުމުގައި ފާހަގަ ކުރެވުނު ކަމަކީ މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނަށް ހަވާލުކުރި މަސައްކަތާ ނުބައްދަލު އަދަދަކަށް ގިނަ ފައިސާ ދީފައިވާ ކަމަށް އެ ކޮމިޓީން ބުނެއެވެ. އަދި ޕޮލްކޯއިން ދީފައިވާ ފައިސާ އިން އައިލެންޑް އެކްސްޕާޓުން އިންވެސްޓް ކޮށްފައިވާ ކަން ފާހަގަކޮށް އެ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ އެސެޓްތަކުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.
މިހާތަނަށް އެ ހިއްސާދާރުގެ ނަމުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ ވެހިކަލްގެ މައުލޫމާތު ވަނީ ހޯދާފައެވެ. މީގެ އިތުރުން ލ. ފުނަދޫގައި އިމާރާތްކޮށްފައިވާ ގެއެއްގެ މައުލޫމާތު ހޯދުމަށް އެ ރަށު ކައުންސިލަށް ސިޓީން އަންގާފައިވާނެ ކަމަށް މިއަދު ކޮމިޓީގައި ބުނެފައި ވެއެވެ.
ޕޮލްކޯ ކޮރަޕްޝަން މައްސަލައިގައި ދިރާސާގެ ތެރެއިން ސައިޓަށް ކުރި ޒިޔާރަތުގައި ވެސް ފާހަގަ ކުރެވުނު ކަންކަން ވަނީ މިއަދު ސަބް ކޮމިޓީގައި ހިއްސާކޮށްފައެވެ. އެގޮތުން އެ ސައިޓުގައި ހުރީ އެންމެ ޓަވަރަކަށް ބޭނުން ކުރެވޭނެ ވަރުގެ ޖަނަރޭޓަރެއް ކަމަށާއި ސަލާމަތާ ރައްކާތެރިކަމަށް ބޭނުންކުރާ ފަޔާ އެލާމް ސިސްޓަމް ވެސް މަސައްކަތް ނުކުރާ ކަން ވަނީ ފާހަގަ ކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ މި މަޝްރޫއުގައި ހިޔާނާތަށް ތުހުމަތުވާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ ބީލަމަކާ ނުލައިކަން އެނގެއެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވެސް ވަޒަންކޮށްފައި ނުވާކަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއު ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
މި މަޝްރޫއު ފެށި އިރު ނޫމަޑިއަށް 580 މިލިއަން ރުފިޔާ ދީފައިވާ އިރު މިއީ އެ މަޝްރޫއު ފެށި ތާރީހަށް ބަލާއިރު، އެކަށީގެންވާ އަގެކެވެ. ނަމަވެސް ނޫމަޑިއަށް މި މަސައްކަތް ފުރިހަމައަށް ނުކުރެވުމުން އެއްބަސް ބާތިލްކޮށް އަނެއްކާވެސް ބިޑް ކުރުމަކާ ނުލައި އެހެން ކުންފުންޏަކަށް ހަވާލުކޮށް އޮޑިޓް ކުރި ތާރީހާ ހަމައަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.