ނިމިދިޔަ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން 1،000 ފްލެޓުގެ މަސައްކަތް ނިމި އަންނަ މަހުން ފެށިގެން ފްލެޓުތައް ދޫކުރަމުން ދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވާ ގޮތުން، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިއަދާ ހަމައަށް ވެސް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށާއި ފްލެޓުތައް ލިބުން ލަސްވާތީ ފްލެޓު ލިބޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާ ކަމަށެވެ.
ފްލެޓުތައް ލިބުން ލަސްވުމަކީ އޭނާ ވިދާޅުވިގޮތުގައި، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ ބޮޑު ކަމެކެވެ.
ނަމަވެސް ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމަކީ ކުއްލިއަކަށް ދިމާވި ކަމަކަށް ވާން ޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ކަމަށާއި، އެހެންކަމުން މި މައްސަލައިގައި އެ ޝަރުތު ހަމަނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ކުއްލި މައްސަލަ ބަލައިގެންފައިނުވާތީ މެންބަރު 'އެކްސް'ގައި ކުރެއްވި ޕޯސްޓު ކޯޓުކުރައްވައި މުއްތަލިބު ލިޔުއްވިގޮތުގައި، ފްލެޓްތަކުގައި އާބާދުވެވޭ ވަރަށް އެ ތަންތަން ނިމުމުން އަންނަ މަހުން ފެށިގެން ފްލެޓްތައް ދޫކުރަން ފަށާނެ ކަމަށް ތަކުރާރުކޮށް އޭނާ ފާހަގަކުރައްވާފައިވާނެއެވެ. އަދި ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި ފްލެޓާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމުތައް މިނިސްޓްރީއާއި އެފްޑީސީން ހަމަޖައްސަމުންދާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
ހަމަ އެއާއެކު މިފަދަ ކަންކަމުގައި އާންމުންނަށް އޮޅުން އަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ވެސް މުއްތަލިބު އެދިވަޑައިގެންފައިވެއެވެ.
މިދިޔަ މޭ މަހުގެ ފަހުކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވީ، 1،000 ފްލެޓްގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ އެ ފްލެޓުތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. މި ފެށޭ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ނިމިފައިވާ 1000 ފްލެޓަށް ބޭނުންވާ ހިދުމަތްތައް ލިބިގެން ދާނެ ކަމަށާއި އެއާއެކު ނިމިފައިވާ ފްލެޓުތައް ފްލެޓް ލިބިފައި މީހުންނަށް އިސްކަންދީގެން އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓްގެ މަސައްކަތް ނިންމައި އަދި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރު 2،000 ފްލެޓާއެކު ޖުމްލަ 4،000 ފްލެޓްގެ އަމަލީ މަސައްކަތް ނިންމާލުން ކަމަށާއި، އަދި ފްލެޓްތައް ނިމެމުން ދާ ވަރަކުން ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓު ދީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.