ކުށްވެރިވެ ޖަލަށް ލުމާ ހަމައަށް އިންޑިއާގައި އެންމެ ނުފޫޒުގަދަ ފާދިރީ ކަމަށް ވާ ގްރްމީތް ރާމް ރަހިމް ސިންގް ޖަލުގައި ހުއްޓާ ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ އިންޑިއާގައި ބޮޑު ބަހުސަކަށް ވެއްޖެއެވެ.

ދެ އަންހެނަކު ރޭޕް ކުރި މައްސަލަ ސާބިތުގެ 2017 ވަނަ އަހަރު މި ފާދިރީ 20 އަހަރަށް ޖަލަށް ލިއެވެ. އޭގެ ފަހުން ނޫސްވެރިއަކު މެރިކަމުގެ ކުށް ސާބިތުވެ 2019 ވަނަ އަހަރު އުމުރަށް ޖަލަށް ލި އިރު 2002 ވަނަ އަހަރު އޭނާގެ މުވައްޒަފަކު މަރާލި ކަމުގެ ކުށް ސާބިތުވެ 2021 ވަނަ އަހަރު ވެސް އުމުރު ދުވަހުގެ ހުކުމެއް އައެވެ.

ނަމަވެސް މީނާ ޖަލުގައި ހޭދަ ކުރަމުން ދާ މުއްދަތުގެ ތެރޭގައި ކަފާލާތުގެ ދަށުން އިރުއިރުކޮޅާ ޖަލުން ނިކުމެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްެރުއަރީ މަހުގެ 22 ވަނަ ދުވަހު 21 ދުވަހަށް ނިކުމެ، ޖޫންގައި 30 ދުވަހަށް އަދި އޮކްޓޯބަރުގައި 40 ދުވަހަށް ނިކުތުމުގެ އިތުރުން ހުސްވި ޖެނުއަރީ މަހު ވެސް ވަނީ 40 ދުވަހަށް ނިކުމެފައެވެ.

މިހާ ބޮޑު މުޖުރިމަކު އިރުިއރުކޮޅާ ކަޕާލާތުގެ ދަށުން ދޫކުރާ މައްސަލަ އިންޑިއާގައި ހޫނުވެ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވާ އިރު، އިރުއިރުކޮޅާ އޭނާ ޖަލުން ނެރޭ މައްސަލަ އިންޑިއާގެ ސިއްކިމްގެ އެންމެ މަތީ ދީނީ ޖަމާއަތުން ވަނީ ޕެޓިޝަނެއް ހަދާ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެ ޖަމާއަތުން ބުނެފައި ވަނީ، މިފަދަ ބޮޑެތި މުޖުރިމުން އެމީހުންގެ އަމިއްލަ އުފާތަކާއި މަޖަލަށްޓަކައި އިރުއިރުކޮޅާ ޖަލުން ނެރުމަކީ މުޖުތަމައަށް ދެވޭ ވަރަށް ނުރަނގަޅު މެސެޖެކެވެ.

މީނާ އެންމެ ފަހުން ޖަލުން ނިކުމެ ކުރި ކަމަކީ އޭނާ އެޑޮޕްޓްކޮށްގެން ދަރިއެއްކަމަށް ކިޔައިގެން ގެންގުޅޭ އަންހެނެއްގެ އިންސްޓަގްރާމުގެ ފޮލޯވަރުންގެ އަދަދު 1 މިލިއަނަށް އެރުމުގެ އުފަލުގައި ކޭކް ފެޅުމެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިންވެސް އޭނާ އެއަށްވުރެ ބޮޑު ކޭކެއް ފަޅާ އުފާފާޅުކުރާ މަންޒަރުތައް އާންމު ކޮށްފައި ވެއެވެ.

މީގާ ހެދުން އަޅާ ގޮތާއި އަޅާ ގަހަނާގެ ސަބަބުން "ރޮކްސްޓާ ބާބާ" ގެ ނަމުން މަޝްހޫރު ވެފައިވާ މި ގުރޫ އަކީ އަމިއްލައަށް ފިލްމު އުފައްދާ އެކްޓްކޮށް، އިންޑިއާގެ ފުންނާބު އުސް ސިޔާސީ އެކި ފަރާތްތަކާ ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކުރުން ފަދަ ކަންކަމުން މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އަދި މީނާގެ މަގުބޫލުކަމާއި ސިޔާސީ ފަރާތްތަކާއެކު އޮންނަ ގާތްކަމުގެ ސަބަބުން، އިންޑިއާގެ އާންމު އިންތިހާބުގައިވެސް މީނާގެ ނުފޫޒު ބޮޑުކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން މީނާއަށް ތަބާވާ އަދި މީނާގެ ބަސް އަހާ އެތައްހާސް ބަޔަކު، ވޯޓު ލަނީވެސް މި ގުރޫ ބުނާ ގޮތަކަށެވެ.