ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)، އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ދައުވަތު ދީފިއެވެ.

މި ދައުވަތު ދެއްވާފައި ވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް މިއަދު ރައްޔިތުން މަޖިލީހުގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރުމަށް ލިބިވަޑައިގެން ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

"ރައީސް ސޯލިހް ވެރިކަމުން ފައިބާވަޑައިގަންނަވާ އިރު ދިވެހި ދައުލަތް އޮންނާނީ ބަނގުރޫޓުވެފައި، މިވާހަކަ އަޅުގަނޑު ދެއްކީމަ ގަބޫލުފުޅެއް ނުުކުރައްވާ. މިއަދު އަޅުގަނޑަށް ދެރައީ ފިކުރެއްގެ ދިރުމުގެ ބޭފުޅަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޭރު ގެންނަވަން މަސައްކަތް ކުރެއްވީތީ. އަޅުގަނޑު އެދެން އެމްޑީޕީގެ އިއްޒަތްތެރި މެންބަރުން ވެސް މިއާފަށް އެދިވަޑައިގަންނަވަން. ދިވެހި ރައްޔިތުން ކައިރިން"
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް

ވޭތުވެ ދިޔަ 4 އަހަރު ބަޖެޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަޖެޓް ފާސްކޮށްފައި ވީ ނަމަވެސް އެއާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިތުރަށް ދަރަނި ނަގަމުންދާ ކަން ފާހަގަ ކުރައްވަމުން ދަރަންޏެއް ދައްކަން ދަރަންޏެއް ނުނެގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދަރަނިތައް ނަގަމުން ދާ ގޮތަށް އަލިއަލުއްވާލައްވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތޯރިގް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އިގްތިސޯދު ހިންގަން ނޭނގޭ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވުނީތީ ރައީސް ނަޝީދުގެ "ފިކުރެގެ ދިރުން" ގެ ބޭފުޅުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑަިއގަންނަވަން ޖެހޭ ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި މި ނޫން ގޮތެއް "އިބޫ ސޯލިހް ނޫން ގޮތެއް" ހޯދުމަށް ޕީޕީއެމާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީއޭ އަކީ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާ ވަރަށް ގުޅުމެއް އޮންނަ ޕާޓީއެއް ކަމަށާއި އެ ޕާތީއަށް ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ގޮވާލާ ކަމަށް ތޯރިގް ވިދާޅުވިއެވެ. ކުރިއަށް މިއޮތީ ޕީޕީއެމްގެ ވެރިކަމެއް ކަމަށާއި އަދި ރައީސް ޔާމީނާ އެމްޑީއޭގެ ލީޑާޝިޕް ގުޅި ކޯލިޝަން ހެދުމަށް ތޯރީގް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޖުމްހޫރި ޕާޓީގެ ލީޑާޝިޕަށް ވެސް ޕީޕީއެމާ ގުޅިވަޑައިގަތުމަށް ތޯރިގް ވަނީ ގޮވާލައްވާފައެވެ. ޖުމްހޫރީ ޕާޓީއާ ގުޅިގެން މިހާތަނަށް މަސައްކަތް ކޮށްފައި ވާނީ ޕީޕީއެމުން އެކަނި ކަމަށާއި އެމްޑީޕީން ޖުމްހޫރީ ޕާޓީއަށް ދިނީ ލަނޑު ކަމަށް ތޯރިގް ވިދާޅުވިއެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ނުހެދެންނާ ދެވަނަ ބުރުގައި ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ތޯރިގް ވަނީ ދައުވަތު ދެއްވާފައެވެ.