މި ސަރުކާރާ އެކު ތިބި ސިޔާސީ ޕާޓީތައް ކޯލިޝަންގައި ދެމިތިބޭނެ ކަމާ މެދު ގޮތް ނިންމުމަށް މަސައްކަތް ކުރަމުންދާ އިރު، އެމްއާރްއެމުން އެމްޑީޕީއާ އެކު މަޝްވަރާ ކުރާނީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖެއަށް ވަޑައިގަތުމުން ކަމަށް އެމްއާރްއެމުން ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑަައިގެން އެމަނިކުފާނު ވަނީ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ތަރުޖަމާނު އިސްމާއިލް ނާއިލް ވިދާޅުވީ، ރައިސް ސޯލިހް ފޮނުއްވި ސިޓީފުޅު ރައީސް މައުމޫނަށް، މި މަހުގެ 19 ވަނަ ދުވަހު ވަނީ ލިބިވަޑައިގެންފައި ކަމަށެވެ. އެ ސިޓީފުޅުގައި ވަނީ މިހާރު ކޯލިޝަންގައި ދެމިތިބި ޕާޓީތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް ދައުވަތު އަރުއްވާފައި ކަމަށް ނާއިލް ވިދާޅުވިއެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ނަމަ އެ އިންތިޒާމްތައް ހަމަޖެއްސުމަށް ފަސޭހަ ވަގުތެއް އަންގައި ދިނުމަށް ވެސް އެ ސިޓީފުޅުގައި އެދިވަޑައިގެންފައިވާ ކަމަށް ނާއިލް ވިދާޅުވިއެވެ.
މިވަގުތު ރައީސް މައުމޫން ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން އެމްޑީޕީއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން ނާއިލް ހާމަކުރެއްވިއެވެ.
އެ ސިޓީފުޅު މިހާރު ޕާޓީއަށް ލިބިފައިވުމުން އެކަމާ ގުޅޭގޮތުން ޕާޓީ ތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަށް ނާއިލް ވިދާޅުވިއެވެ. މި އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވާތީ ޕާޓީގެ އަމަަލުތައް ބަހައްޓާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ޕާޓީގެ ސްޓޭންޑާ އެއްގޮތް ބަޔަކާ އެކު މަސައްކަތް ކުރަން އެ ޕާޓީން ތައްޔާރަށް އޮތް ކަމަށް ނާއިލް ވިދާޅުވިއެވެ. އެ ޕާޓީގެ ސްޓޭންޑް ތަފްސީލް ކޮށްދެއްވަމުން ނާއިލް ވިދާޅުވީ، އެއީ ރައްޔިންތުންނަށާއި އެ ޕާޓީއަށް ރިފޯމަށް މަސައްކަތް ކުރުން ކަމަށާއި އެ އެޖެންޑާއާ އެންމެ ގާތުން މަސައްކަތް ކުރެވޭނެ ބަޔަކާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުން ކަނޑައަޅަމުން އަންނަ މި ދަނޑިވަޅުގައި އެމްއާރްއެމުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އަންނަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ރިޔާސީ އިންތިހާބަށް ވާދަކުރަން ގޮވާލައި އެމްއާރްއެމްގެ ކެންޑިޑޭޓަކީ ފާރިސް ކަމަށް ބުނެ އަޑުތައް ފަތުރަމުންނެވެ.
މިކަމާ ގުޅިގެން ނާއިލް ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކުން އެ ޝުއޫރު ފާޅު ކުރަމުން ދާ ކަން ފާހަގަ ވެފައި ވީ ނަމަވެސް ފާރިސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނުނިންމަވާ ކަމަށެވެ. އަދި ޕާޓީން ވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށް ނާއިލް ވިދާޅުވިއެވެ.
އެމްއާރްއެމުން އެމްޑީޕީއާ އެކު މަޝްވަރާ ކުރާނެ ކަމަށް ބުނެފައިވާ އިރު، އަދާލަތު ޕާޓީން ވަނީ އެމްޑިޕީއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި މިއަދު ހަވީރު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ނިންމާފަިއވާ އިރު، އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރުމާ ގުޅޭ ގޮތުން ފަހުގެ ނިންމުން ނިންމާނެ ބައްދަލުވުން ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ އެކު ރައީސްގެ މަންދޫބުން ބައްދަލުވުމެއް ބާއްވާފައި ވާއިރު، ޖުމްހޫރީ ޕާޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައެވެ. ނަމަވެސް އެ ކެންޑިޑޭޓެއް އަދި ހާމައެއް ނުކުރެއެވެ.