އަމީނީމަގު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދަނީ ކޮންސަލްޓަންޓުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އަމީނީމަގުގެ އީއައިއޭ ހެދިއިރު، އެ މަގުގެ ފެން ހިންދާ ނިޒާމުގެ ހުރިހާ ތަފްސީލެއް ލިބެން ނެތުމުން، އެ ނިޒާމުގެ ނަތީޖާތައް ދިމާކުރުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

އީއައިއޭ ރިޕޯޓާ ހަވާލާދެއްވާ މިނިސްޓަރު ވިދާޅުވީ، އަމީނީމަގުގެ ފެން ހިންދާ ނިޒާމް، ފެން ހިނދޭނެ ސްޓޭންޑަޑަކަށް ފެތުން އެއީ މުހިންމު ކަމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

"އަމީނީމަގުގަ މިހާރު ވެސް ފެން ބޮޑުވާކަން ވަރަށް ސާފުކޮށް އެ ރިޕޯޓުގައި ފާހަގަކޮށްފަ އެކަމަށް ހައްލެއް ހޯދުން އެއީ މުހިންމު ކަމެއްގެ ގޮތުގަ ބަޔާންކޮށްފަވޭ،"

އެއާއެކު، މިނިސްޓަރު ވަނީ އެކަމަށް ހައްލު ހޯދުމަށްޓަކައި ކުރެވުނު ބައެއް މަސައްކަތްތައް ތަފްސީލްކޮށްދެއްވާފައެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ގްރެވިޓީ ފްލޯގައި އަޅާފަ ހުރި ހޮޅިތަކުގެ ޑައިމީޓަރު 300 މިލިމީޓަރުން 315 އަށް އިތުރުކުރުން
  • ފެން ޕަމްޕުކުރާ ހޮޅިތަކުގެ ޑައިމީޓަރު 280 މިލިމީޓަރުން 314 އަށް އިތުރުކުރުން
  • ހަތަރު ޕަމްޕް ސްޓޭޝަނެއް ހުންނައިރު، ޕަމްޕް ސްޓޭޝަނެއް އިތުރުކުރުން

އެ މަސައްކަތްތައް ނިމިގެން ދާއިރު ކޮންމެ ޕަމްޕެއްގެ ކެޕޭސިޓީ ނުވަ ކިލޯވޯޓަށް އިތުރުކުރެވި، ޕަމްޕިން ކެޕޭސިޓީ 21 ކިލޯވޯޓަށް ބޮޑުކުރެވޭނެ ކަމަށާއި، އޭރުން ގަޑިއަކު އެއް ހާސް ކިއުބިކް މީޓަރުގެ ފެން ޕަމްޕުތަކުން ބޭރުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ (އީއައިއޭ) ކޮންސަލްޓަންޓްގެ ލަފަޔާ އެއްގޮތަށް މަސައްކަތް ދަނީ،" އޭނާ ވިދާޅުވިއެވެ.