ޑިސެމްބަރު 25 އިން ފެށިގެން ޕީޕީއެމުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް މޮނިޓާ ކުރި އިރު ޕީޕީއެމްގެ މުޒާހަރާގައި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވެފައިވާ ކަމަށާއި އަދި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އިންޒާރު ނުދީ ޕެޕާ ސްޕެރޭ ޖަހާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިިދޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޕީޕީއެމުން ކުރިއަށް ގެންދިޔަ 49 ހަރަކާތެއް އެ ކޮމިޝަނުން މޮނިޓާކޮށްފައިވާ ކަމަށެވެ. އެ ގޮތުން މުޒާހަރާގެ ބައިވެރިންގެ ފަރާތުން އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފުވާ ފަދަ ކަންކަން ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
- މުޒާހަރާގެ ބައިވެރިންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވެފައިވޭ
- މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ބޭއަދަބީ ބަސް ބޭނުން ކޮށްފައިވޭ.
- މަގުމަތީގެ އަދަބުތަކާ ހިލާފުވާގޮތަށް މުޒާހަރާގެ ބަިއވެރިން އަމަލުތައް ބަހައްޓާފައިވޭ.
- ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް މުޒާހަރާގެ ބައިވެރިން އަމަލުތައް ބަހައްޓާފައިވޭ.
- އާންމު ރައްޔިތުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖަހާފައިވޭ
- މުޒާހާރާ ތެރޭގައި ސައިކަލެއްގައި ގޮސް ވަންނަން މަސައްކަތް ކޮށްފައިވޭ.
- މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވޭ.
- އެއްވުން ރޫލާލުމުގެ ކުރިން އިންޒާރު ނުދީ ޕެޕާ ސްޕްރޭ ޖަހާފައިވޭ.
އެގޮތުން މުޒާހަރާގެ ބައިވެރިންގެ އަމަލުތަކާއި ފުލުހުންގެ ހިދުމަތުން މޖޒާހަރާ ރޫޅާލުމުގައި އަމަލު ކުރި ގޮތްތައް ބަލާފައިވާ އިރު ބައެއް މައްސަލަތައް ފާހަގަވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ހަމައެއާއެކު އާންމުންގެ ފަރާތުން ވެސް މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށްގެން ފެންޖެހުން ފަދަ ކަންކަން ކޯށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
ހަމައެއާއެކު މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް މުޒާހަރާތައް އޮބްޒާވް ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިްފަހައްޓައި ޒިންމާދާރުކަމާއެކު އާންމުންނަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުން އަމަލުތައް ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން މުޒާހަރާގެ ބަިއވެރިންނާއި އާންމުންނާއި ދިފާއި ބާރުތަކުން އެއްވެ އުޅުމުގެ ގާނޫނު މަނާ ކުރާ ކަންތަތކުން ދުރުހެލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ގާނޫނު އަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާ އިރު، އެ ހައްގުގެ ބޭނުން ކުރުމުގައި އެއް ބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހްތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމައްޓަކައި މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމާއި، އެ ކޮމިޝަނަށް ހުށަހަޅާފައވާ މައްސަލަތައް ބަލަމުންދާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.