ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ މީހުންގެ ނަން ހުށަހެޅުމަށް މަދުވެގެން ދެ ހަފްތާ ދޭންވާނެއެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބަށް ކުރިމަތިލާ މީހުން ނަން ހުށަހަޅަން ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

މިދިޔަ މަހުގެ މެދުތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި ރިޔާސީ އިންތިހާބު ބާއްވާނެ ކަން އިއުލާނުކުރައްވައިފައެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ މަހުގެ 30 ގައި ދެވަނަ ބުރު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން، އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 23 އިން އޮގަސްޓް 3 ގެ ނިޔަލަށެވެ. ކެންޑިޑޭޓު ނަންބަރުތައް އެ މަހު 9 ގައި ތަރުތީބުކުރުމަށް ފަހު، ޖެހިގެން އަންނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 7 ގެ ނިޔަލަށް ކެމްޕެއިންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މިއަދު ހުށަހެޅި ބިލު ގާނޫނަކަށް ބަދަލުވެއްޖެ ނަމަ، އޮގަސްޓް 6 ގެ ނިޔަލަށް އިންތިހާބަށް ނަން ދިނުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ.