ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހްމަދު އާމިރު، ސަސްޕެންޑް ކޮށްފިއެވެ.

އާމިރު ސަސްޕެންޑް ކޮށްފައި ވަނީ ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް ކުޑަހުވަދޫ ކައުންސިލަށް ހުށަހެޅި އިރު ދޮގު މައުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވުމުން ފެބްރުއަރީ 19 އިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށެވެ. ޖޭއެސްސީން ބުނި ގޮތުގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ، ކޮށްގެންވާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

މީގެ އިތުރުންވެސް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތަހުގީގަށް ފެންނަކަމަށާއި އާމިރުގެ އެ އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

އާމިރު ސަސްޕެންޑް ކުރި އިރު މި މައްސަލަ އަކީ 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބަލަން ފަށާފައިވާ މައްސަލައެކެވެ. އާމިރު ސްސޕެންޑް ކޮށްފައި ވަނީ މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މިހާރަކަށް އައިސް އާންމު ވަމުން އަންނަ ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ހަސަން ސައީދު 14 ދުވަހަށް، މުސާރައާއި އިނާޔަތް ލިބޭގޮތަށް ސަސްޕެންޑު ކޮށްފައެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފާހަގަ ވެ ވަނީ ސަސްޕެންޑްކޮށް ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައެވެ.

ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި، ގާނޫނުއަސާސީ އާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސް ކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުން ދާނެ ކަމަށެވެ.