ދިވެހިންވެސް ވިޔަފާރި ދަތުރުތަކުގައި ގޮސް އުޅޭ ހޮންގްކޮންގްގެ ޔައު މަ ޓޭގެ ފިހާރައެއްގައި ކުއްތާ މަހާއި ބުޅާ މަސް، ކާނާގެ ގޮތުގައި ވިއްކަމުން ދަނިކޮށް އަތުލައިގެންފިއެވެ.

ހޮންކްކޮންގް އާއި ޗައިނާ ހިސާބުގައި ވަލުޖަނަވާރާއި އޮޅު ޖަނަވާރުގެ މަސްކައި އުޅެއެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު، އެފަދަ ތަގާފަތްތައް މަޑުމަޑުން އުވެމުން ދާއިރު، ހޮންކޮންގްގައި ކުއްތާ އާއި ބުޅާ ކަތިލައިގެން ކާނާގެ ގޮތުގައި ނުވަތަ މަހުގެ ގޮތުގައި ވިއްކުން މަނާކޮށްފައި އޮންނަތާ 70 އަހަރު ވެއްޖެއެވެ.

ކޮވްލޫން އޭރިއާގެ މި އަވަށުގައި އެ ވިޔަފާރި ކުރާކަމުގެ މައުލޫމަތު އޮފިޝަލުންނަށް ލިބިގެން ފިޝަރީޒް މިނިސްޓްރީއާއި ފުލުހުން ބައިވެރިވެގެން ހިންގި އޮފަރޭޝަނެއްގައި އެތަކެތި އަތުލި އިރު ކިލޯ ކިރައިގެން ވިއްކަމުން ގެންދިޔައީ ފިނި ކުރި ބުޅަލެއް 12 އެމެރިކާ ޑޮލަރަށެވެ. ކުއްތާގެ އަގެއް ސާފެއް ނުވެއެވެ.

ހޮންކޮންގްގެ ގާނޫނު ބުނާ ގޮތުން، ކާނާގެ ގޮތުގައި ކަތިލައިގެން އަދި މަރައިގެންވެސް ކުއްތާ އާއި ބުޅާ ވިއްކުމަކީ މަނާ ކަމެކެމެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 640 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށް 6 މަހަށް ޖަލަށްވެސް ލެވޭނެއެވެ.

ހިސާބުތައް ދައްކާގޮތުން، އަހަރެއްގެ މައްޗަށް 30 މިލިއަން ކުއްތާ، އަދި 10 މިލިއަން ބުޅާ ދުނިޔޭގައި މަރައެވެ. އަދި މިތަކެތި ބޭނުން ކުރަނީ އިންސާނުންގެ ބޭނުންތަކަށް ކަމަށްވެސް ހިއުމޭން ސޮސައިޓީ އިންޓަނޭޝަނަލުން ބުނެފައި ވެއެވެ. މީގެ އިތުރުން ކުއްތާ އާއި ބުޅާ އެންމެ ގިނައިން މަރަނީ އޭޝިއާގައި ކަމަށްވެސް އެ ރިޕޯޓުގައި ބުނެއެވެ.