އެއާޕޯޓްތަކުގެ އިމިގްރޭޝަން އަދި ކަސްޓަމްސް ކްލިއަރެންސް ތަކުގައި ވީލްޗެއާގައި އުޅޭ މީހުންގެ ގޮނޑި ބައެއް ފަހަރު ސްކްރީން ނުކޮށް ދޫކޮށްލައެވެ.
އެއީ ސްމަގްލް ކުރުމާއި ކުށްކުރުމުގެ ވިސްނުން ހުންނަ މީހުންނަށް ފަސޭހަ ގޮތެއް ކަމަށް ބެލެވޭ އިރު މިފަހަރު މި ދިމާވި ހާދިސާ އަކީ އިކެލްޓްރިކް ވީލްޗެއާއެއްގައި ހޮންކޮންގަށް 11 ކިލޯގެ ކޮކެއިން އެތެރެ ކުރަން އުޅުނު ހާދިސާއެކެވެ.
މޫނުމަތީ އަގު 1.5 މިލިއަން އެމެރިކާ ޑޮލަރަށް އަރާ 11 ކިލޯ ފެނިފައި ވަނީ ހޮންކޮންގް އެއާޕޮޓުގެ ކަސްޓަމްސް ކްލިއަރެންސްގެ ތެރެއިންނެވެ.
ވީލްޗެއާގައި އެތެރެ ވި މީހާ އައީ ފްރާންސުން ކަމަށާއި ސްކްރީން މަރުހަލާގެ ތެރެއިން ޝައްކު އުފެދިގެން ބެލި ބެލުމުން އެނގުނީ އެ 11 ކިލޯ ފޮރުވާފައި ހުރީ ވީލްޗެއާގެ ސީޓްގެ ތެރޭގައި ކަމެވެ.
ކުށް ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް ޖަލަށް ލާނެއެވެ.
އޭނާ ހޮންކޮންގަށް އެތެރެ ވި އިރު ގެނައީ 2 ލަގޭޖް ކަމަށާއި އެތަނުން ވީލްޗެއާގައި އެއްޗެއް ހުރި ކަމަށް އޮފިޝަލުންނަށް ޝައްކު ކުރެވުނީ ގޮނޑީގެ ކުޝަން އަލުން ފަހާފައި ހުރިކަން ފާހަގަ ކުރެވުމުން ބެލިބެލުމުންނެވެ.
ހިނގާބިނގާވެ އުޅުމުގައި ދަތިކަމެއް ހުންނަ އެމީހާއާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އެއީ ހޮންކޮންގްގެ މީހެއް ނޫން ކަމަށާއި އޭނާ އެ ވީލްޗެއާ ގެނައީ ރައްޓެއްސަކު ހަވާލު ކުރުމުން ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ އަކީ ކާރު ހަދާ ކުންފުންޏެއް ހިންގާ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ދުނިޔޭގެ ގިނަ އެއާޕޯޓްތަކުގައި ހެން ހޮންކޮންގްގައި ވެސް ސެކިއުރިޓީ ވަރުގަދަކޮށް އޮންނަ އިރު މިދިޔަ އަހަރުވެސް ވަނީ ތަފާތު އެކި ހާދިސާތަކުގައި 178 މީގެ ފަރާތުން 931 ކިލޯގެ ޑްރަގް އެއާޕޯޓުން އަތުލާފައެވެ.
މީގެ ކުރިން އެމެރިކާގެ ނިއުޔޯކްގެ އެއާޕޯޓަކުންވެސް ވީލްޗެއާގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 450،000 އެމެރިކާ ޑޮލަރުގެ ކޮކެއިން އަތުލާފައި ވެއެވެ. އަދި ސެޕްޓެމްބަރު 2022 ގައި ނުކުޅެދޭ މީހުން ދުއްވާ ޒާތުގެ މޮޓޯސައިކަލެއްގައި ހަރުކޮށްފައި ހުރި ގޮނޑިއެއްގެ ކުޝަންގެ ތެރެއިން 1.6 މިލިއަން ޑޮލަރުގެ ކޮކެއިންވެސް އަތުލާފައި ވެއެވެ.