ބޯކޮށް ވާރޭ ވެހި ދެކުނު ޗައިނާގެ ސިޓީއެއްގައި ފެންބޮޑުވެ، ކިނބޫތަކެއް ދޫވެއްޖެއެވެ. ހަބަރުތައް ބުނާގޮތުން ކިނބޫ ގެންގުޅޭ ފާމެއްގައި އޮތް 70 ކިނބުލެއް ވަނީ ދޫވެ އާންމުން އުޅޭ ސަރަހައްދުތަކަށް ގޮސްފައެވެ.
ކިސަޑު ފެންގަނޑުގެ ތެރެއިން ކިނބޫތައް ހޯދުމުގެ މަސައްކަތް އޮފިޝަލުން ފަށާފައި ވާއިރު އާންމުން ބޭރަށް ނުނިކުމެ ދޮރުތައް ލައްޕައިގެން ގޭގޭގައި ތިބުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ޗައިނާގެ ގުއާންގްޑޮންގެ މައޯމިންގައި އޮތް ފާމަކުން މިތަކެތި ދޫވި އިރު އެކި ސައިޒުގެ ބޮޑެތި ކިނބޫ ހިމެނޭ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ދަ ބެއިޖިން ނިއުސް ގައި ރިޕޯޓު ކޮށްފައި ވާ ގޮތުން އޮފިޝަލުން ކިނބޫތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ސޯނާ ޑިޓެކްޝަން އާލާތްތައް ބޭނުންކޮށްގެންނެވެ.
އާންމުވި ބައެއް ވީޑިއޯތަކަށް ބަލާއިރު، ފެންބޮޑުވެ ފޮރުވިފައި ވާ މަގެއްގެ މަތިން ކިނބުލެއް ދުވެފައި ދާތަން ވަނީ ފެނިފައެވެ. އަދި ބައެއް ކިނބޫ އަތުލާ، އޭގެ ތުނބާއި ފައި އައްސައިގެން ހިކިފަސް ސަރަހައްދުތަކަށް ގެންގޮސްފައި ވާ މަންޒަރުވެސް ފެނެއެވެ.
ޗައިނާގައި ކިނބުލުގެ މަހާއި އޭގެ ހަނގަނޑަކީ ބޮޑު އަގުގައި ވިކޭ އެއްޗެކެވެ. އަދި ކިނބުލުގެ މަސް ކައި އުޅުމަކީ ޗައިނާގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. ބޭސް ފަރުވާ އާއި އެނޫން ބޭނުންތަކުގައި ވެސް ކިނބުލުގެ އެކިއެކި ބައިތައް ބޭނުން ކުރެއެވެ.
މި ސަރަހައްދުގައި ފެންބޮޑުވި ތޫފާން ހައިކުއި ވަނީ ދެކުނު ޗައިނާ އާއި ހޮންގްކޮންގަށް ވެސް އަރާފައެވެ.