ހޮންކޮންގުގެ އުތުރުބިތުގެ ތައި ޕޯ ޑިސްޓްރިކްޓުގައި އާންމު ދިރިއުޅުމަށް ހަދާފައި ހުރި ޓަވަރުތަކެއްގައި ރޯވެ ހިނގި ބޮޑު ހާދިސާއެއްގައި 44 މީހަކު މަރުވެއްޖެއެވެ.
30 ބުރީގެ ޖުމްލަ 8 ޓަވަރު ހިމެނޭ އެޕާޓްމަންޓް ބިލްޑިންގްތަކުގައި ރޯވެ ހުރިހާ އިމާރާތެއް އެއްކޮށް އަނދާފައި ވާ އިރު، އެއީ ގާތްގަނޑަކަށް 300،000 އެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކޮށްފައި އޮތް ތަނެކެވެ. އެތަނުގައި 1984 އެޕާޓުމަންޓާއި 4600 ފްލެޓް ހުންނަ އިރު، މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 300 މީހަކު ގެއްލިފައި ވާ ކަމަށް އިދާރާތަކުން ބުނެއެވެ.
އަދި މިވަގުތުވެސް ހޮސްޕިޓަލްތަކުގައި ގިނަ ބަޔަކަށް ފަރުވާ ދެމުން ގެންދާ އިރު އޭގެ ތެރެއިން 45 މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ހަބަރު ލިބެއެވެ.
'ވޭންގް ފުކް ކޯޓު' ގެ ނަމުން ނަން ދީފައިވާ އެ ޓަވަރުތަކަކީ 1983 ގައި އިމާރާތްކޮށް، މީހުން ދިރިއުޅެމުން އަންނަ ޓަވަރުތަކެކެވެ.
އަލިފާނު މި ބޮޑު ހާސިދާ ހިނގި އިރު، ބައެއް ޓަވަރުތައް ހުރީ މަރާމާތަށްޓަކައި ހުސްކޮށްފައެވެ.
އިދާރާތަކުން ބުނާގޮތުގައި، އަލިފާން ރޯވީ މަރާމާތަށް އިމާރާތް ވަށާ އޮނު ދަނޑިން ގިއުގަނޑު ހަދާ ބަންދުކޮށްފައި ހުރި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގައެވެ. އަލިފާންގަނޑު ބާރަށް ފެތުރި ހުރިހާ އިމާރާތެއްގައި ރޯވާން ދިމާވީ، އޮނުދަނޑީގެ ގިއުގަނޑުގައި ރޯވެ އަލިފާންގަނޑު ފެތުރިގެން ދިޔުމުން ކަމަށް ވެސް ބުނެފައި ވެއެވެ.
މި ހާދިސާގެ ބޮޑު ތަހުގީގެއް އިދާރާތަކުން ފަށާފައި ވާއިރު، މިހާތަނަށް އާންމު ކުރި ބައެއް މައުލޫމާތުން އެނގޭ ގޮތުގައި މަރާމާތަށް އެއްކޮށްފައި ހުރި ބައެއް ސާމާނު ބަހައްޓާފައި ހުރީ އަލިފާނުގެ ހާދިސާތައް ފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތަކަށް ނޫނެވެ.
މި އިމާރާތްތަކުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ ފައިޓަރުންގެ 750 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ. އިއްޔެ މެންދުރު ފަހު ހިނގި މިހާދިސާގައި އިމާރާތްތައް ރޯވެ އަނދާފައި ވާ އިރު، މިވަގުތާ ހަމައަށް ވެސް އެއްކޮށް ނުނިވޭ ބައެއް އިމާރާތްތައް އެބަހުއްޓެވެ. އަދި ދުން އަރަމުން ދާ އިމާރާތްތާއި އަލިފާން ނިވިފައި ހުރި އިމާރާތްތައްވެސް އެބަހުއްޓެވެ.
