ދުންފަތުގެ އިސްތިއުމާލު ކުރުން އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން، އެމީހަކާ ދިމާއަށް ލޯ އަޅަން ނުވަތަ ބަލަމުން ދާން ހޮންކޮންގްގެ ހެލްތް ސެކްރެޓަރީ ގޮވާލައްވައިފިއެވެ.

ހޮންގްކޮންގް ގެ ހެލްތް ސެކްރެޓަރީ ލޯ ޗުންގް މާއޫ ވިދާޅުވީ، ހޮންކޮންގް އަކީ ސުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ހެދުމަށް ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތާނގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާ ދިމާއަށް ލޯ އަޅާ ބެލުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ސިނގިރޭޓް ބޯ ކޮންމެ ފަހަރަކު ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނާ ހިލާފުވާކަން އެނގި ފުލުހުންނަށް ދެވޭ އިރު ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ ނުވަތަ ސިނގިރޭޓް ބޯ މީހާގެ ތުނބުގައި ސިނގިރޭޓް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތައް ލަދުގަންނަވާލައި ހުއްޓުވޭނީ އާންމުންނަށް ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ ފެންނަ އިރަށް ލޯ އަޅާ ބަލަން ވީ ކަމަށެވެ.

ހޮންކޮންގް ގައި ރެސްޓޯރަންޓްތަކާއި މަސައްކަތުގެ މާހައުލުގައާއި އިންޑޯ ނުވަތަ ބަންދުވެފައި ހުންނަ ތަންތާނގައާއި އާންމު ބައެއް ތަންތާނގައި ދުންފަނތުގެ އިސްތިއުމާލު ކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފި މީހަކު 192 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެއެވެ.

އޭނާ މިސާލެއް ޖައްސަވަމުން ވިދާޅުވީ، ބަހަށް އަރަން މީހުން ކިއު ހަދަނީ އެކަން އެހެން ކުރަން ގާނޫނެއްގައި އޮންނާތީ ނޫން ކަމަށާއި އެއީ އާންމު ރީތި ސިފައަކަށް ވާތީކަމަށެވެ. އެގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އާންމުން މަސައްކަތް ކުރުމަކީ ވެސް ރީތި ސިފައެއް ކަމަށެވެ.