ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީޕީއެމް ހުޅުމާލޭ ގޮފީގެ ރައީސް، އަބްދުއްސަމަދު (ސަމަދުބެ) ހިފެހެއްޓި މައްސަލައިގައި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭނާއަށް ފުރައްސާރަ ކުރެއްވުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ސަމަދުއަށް ވަރަށް ބޮޑަށް މަލާމާތާއި ފުރައްސާރަ ކުރައްވާފައެވެ.

އެކަން ކުށްވެރިކޮށް ކޯލިޝަންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފޫޅުން އިންޑިއާއަށް ސަނާ ކިޔާ، ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެއްވެސް އިރެއްގައި ސިފައިންނާއި ދިވެހި ފުލުހުންގެ ތެރޭގައި އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު ގައުމަށް ހަރާންކޯރު ނުވާނެ ކަމަށާއި ކޮންމެ ވަގުތަކުވެސް ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް އެ ބޭފުޅުން ނިކުންނާނެ ކަމީ އެ ކޯލިޝަނުން ޔަގީން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާއީ ވަޒީރުކަމުގައި ބެހެއްޓުމީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރު ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މާރިޔާގެ މި ވާހަކާ ތަކާ ގުޅިގެން ސޯޝަލްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކު ރަމުންނެވެ. އެގޮތުން ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އާއި މީގެ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ކެޕްޓަން އަލީ އިހުސާންގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ރައްދު ދެއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުންވެސް ސިޔާސީ ގިނަ ބޭފުޅުންނާއި ސަލާމަތީ ހިދުމަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ގެންދަވަނީ މާރިޔާއަށް ފާޑު ވިދާޅުވަމުންނެވެ.

މި ހުރިހާ ފާޑުކިޔުންތަކަށް ބެލުމެއް ނެތި މާރިޔާ ވިދާޅުވީ، ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗެއް ގޮވާފައި ދިޔުމުން އެގައުމުން އޭނާ އަނބުރާ ފޮނުވާލުމާއެކު ރޮއި ހަދާ ފައިވާ އިރު އެގޮތް އެހެން ރައްޔިތަކަށް ނުވުމަށްޓަކައިވެސް އެވާހަކަ ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ އެމޭރުމުން ވާހަކަ ދެއްކެވި އިރު، ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސަވެ، އިންޑިއާގެ ނުފޫޒުގެ ދަށުގައި އޮތް ސަރުކާރެއް ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކަމުންވެސް ދެއެވެ. އެހެން ކަމުން އިންޑިއާ ނުރުހޭ ކަމެއް، ހިތްހަމަނުޖެހޭ ވާހަކައެއް މި ސަރުކާރަށް ބުނަންވެސް ނުކެރޭނެ ކަމަށް އެ ފަރާތްތަކުން ބުނަމުން ގެންދެއެވެ.