މައްސަލައެއްގައި ހުކުމް ކުރުމަށްފަހު ހުލާސާ ރިޕޯޓަށް ބަދަލު ގެނައުމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓް އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމުން، އެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ފެބްރުއަރީ 19، 2020 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ ގަޟިއްޔާ އިސްތިއުނާފު ކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް ފޮނުވާފައިވަނީ ޕީޖީ އޮފީހުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ހުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ހުލާސާ ރިޕޯޓެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މިއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެއް ކަމަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕީޖީ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕީޖީ އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނަސް ހަގީގަތް އޮޅުވާލުންކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން 7 ދުވަހަށް މަނާކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ގާޒީ އަކްރަމް 7 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމާފައިވާއިރު ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރުމަށް ނިންމާފައެވެ.

ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމީ، އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ގާޒީ ހަސަން ސައީދު މިއަދުން ފެށިގެން 14 ދުވަހަށް ސަސްޕެންޑު ކުރަން ނިންމީ އޭނާއަށް މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.