ސްޓޫޑަންޓް ލޯނުތަކުން އަނބުރާ ލިބެންޖެހޭ ފައިސާ ހޯދަން ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ސްޓޫޑަންޓް ލޯނު ސްކީމުތަކުގައި ބޮޑެތި މައްސަލަތައް ހުރިއިރު މިހާތަނަށް ލޯނުތަކުން 187 މިލިއަން ރުފިޔާ ނުލިބި ހުރި ކަން ދާދި ފަހުން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލޯނު ދެނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ހޭދައެއް ކޮށްގެން ކަމަށެވެ. މިގޮތުން ރާއްޖޭގެ ތަރައްގީ އަށް ވަރަށް ގިނަ މަޝްރޫއުތައް ހިންގަން އެބަހުރި ކަމަށާއި ކޮވިޑްގެ ތެރޭގައި ވެސް މެދުކެނޑުމެއް ނެތި ލޯނު ދެމުން ދިޔައީ މީހުން ބިނާކުރުމަށްޓަކައި އޭގެ މުހިއްމުކަން އިންތިހާއަށް ބޮޑުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ފައިސާ އަނބުރާ ދެއްކާ، މުސްތަގުބަލުގައި އެހެން ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ދަރިވަރުންގެ މައްޗަށް އޮތް ޒިންމާއެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައި ރާއްޖެއަށް ހިދުމަތް ކުރުމަށް އާ ޒުވާނުންތަކެއް ތަމްރީނުވެގެން ތަރުބިއްޔަތުވެގެން ނުކުމެގެން އަންނާނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުން ކަމަށާއި މުސްތަގުބަލުގައި ގައުމު ބިނާވެގެންދާނީ އޭރުން ކަމަށެވެ.

މިނިސްޓަރު ވަނީ ލޯނު ފައިސާ ހޯދުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ވަނީ މަތީ ތައުލީމާއި ތަމްރީންގެ ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

720 ދަރިވަރަކަށް ދޭނެ ލޯން ފައިސާ ހަމަޖެހިފައި ވާއިރު ސްޓޫޑަންޓް ލޯނަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ އަންނަ މަހު 23 ވަނަ ދުވަހެއެވެ. މިނިސްޓްރީން ބުނީ، ސްޓޫޑަންޓް ލޯނަށް ހުށަހަޅާ ދަރިވަރުންނަށް ފޯމްތައް މިނިސްޓްރީގެ ފަރާތުން މައްސަލައެއް ހުރިތޯ ބެލުމަށް ރިވިއުކޮށްދިނުމުގެ ހިދުމަތްވެސް ދޭނެ ކަމަށެވެ.