ތުރުކީއާއި ސީރިޔާއަށް އެހީވާން "ހިދުމަތް" ޖަމިއްޔާގެ އިސްނަގައިގެން ހުކުރު ދުވަހު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެ ހަރަކާތުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ބ. ފެހެންދޫ، ބ. ހިތާދޫ، ރ. އުނގޫފާރުގައިވެސް ހަރަކާތްތަކަށް ކުރިއަށްގެންދަން ނިންމާފައިވާއިރު އެ ހަރަކާތްތައް ކުރިއަށް ގެންދަނީ "ފެނުމުން މަންޒަރުތައް ހިތް ފަޅައިގެންދޭ" ގެ ނަމުގައެވެ.

އެކަމުގެ މައުލޫމާތު "ދަ ޕްރެސް" ހިއްސާކުރަމުން އެ ޖަމިއްޔާގެ ޖެނެރަލް ސެކެޓްރީ އަހުމަދު ފައިސަލް ވިދާޅުވީ މާލޭގެ އާޓިފިޝަލް ބީޗާއި ރަސްފަންނުގައި ފަންޑު ފޮށި ބެހައްޓަން ނިންމާފައިވާ ކަމަށާއި ހުޅުމާލެ ފޭސް 2 ގެ ބަސް ސްޓޮޕް ކައިރީގައާއި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ވެސް ފަންޑް ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ.

އަތޮޅު ތެރޭގައި ފަންޑް ފޮށި ބަހައްޓަނީ ހަތަރު ރަށެއްގައެވެ. އެ ރަށްތަކުގެ ތެރެއިން އުކުޅަހުގެ ހަރަކާތްކުރިއަށް މުއައްސަސާތައް ގުޅިގެން މާދަމާ ހަވީރުގެ ސަޔަކާއެކު ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެހެން ރަށްތަކުގައި އެ ހަރަކާތް ކުރިއަށްގެންދާނީ ހުކުރު ދުވަހު ހަވީރު 3:45 އިން ރޭގަނޑު 10 ޖެހުމާ ހަމައަށް ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އެ ހަރަކާތްތަކުން ލިބޭ ފައިސާ އައިއޭސީއާ ހަވާލުކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމާފައިވާ ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށްދާއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރުފިޔާ ފޮނުވޭނީ އައިއޭސީގެ އެކައުންޓަށް ކަމަށެވެ.

އުރީދޫއިން ވެސް ވަނީ އެމް ފައިސާ މެދުވެރިކޮށް އެ ދެ ގައުމަށް އެހީވުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.

މިދިޔަ ހަފްތާގެ ހޯމަދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގަ އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މީގެ އިތުރުން "އެއް އުއްމަތެކޭ" ގެ ނަމުގައި އެ ދެ ގައުމަށް އެހީވުމަށް ކެމްޕެއިންނެއް ފަށާފައިވާއިރު 14 ޖަމިއްޔާއަކުން ބައިވެރިވެއެވެ. އެގޮތުން އައިއޭސީގެ އިތުރުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) އާއި ދިވެހި އިލްމުވެރިން ކަމުގައިވާ ޑރ. އިލްޔާސް އިބްރާހިމާއި ޑރ. މުހައްމަދު އިޔާޒުގެ އިތުރުން ވެސް ގިނަ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.