ސީރިއާ ސަރުކާރާ ވަކިވެގަނެ އެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާއަތްތަކުން ވެރިރަށް ދިމިޝްގް ހިފަން ވަދެއްޖެއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން އެމީހުން މިހާރު ވަނީ ދިމިޝްގުގެ މެދުތެރެއާ ހަމައަށް ވަދެފައެވެ. އަދި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ފިއްލަވައިފިކަމަށް ވެސް ބައެއް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ އެހީތެރިކަމާއި ތުރުކީގެ ކުރުދީންގެ އެހީތެރިކަން ލިބޭ ސީރިއާގެ ކުރުދީ ޖަމާއަތް އިސްވެ އޮވެ ދޭން ފެށި ކުއްލި ހަމަލާތަކުގައި އުތުރުން އަލެއްޕޯ އިން ފެށިގެން ހިފަމުން ގޮސް ހަމާ އާއި ހިމްސް ހިފާ ދިމިޝްގަށް ވަނުމަށް ނެގީ 2 ހަފްތާއެވެ.

ހަތިޔާރު އެޅި ހަޔާތު ތަހްރީރް އަލް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީ ބުނީ، އެމީހުން ހިފާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯނާއެއް ނުކުރާނެ ކަމަށާއި އެމީހުންނަށް ރައްކާތެރިކަން ލިބިގެން ވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސީރީއާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވެއްޓެން ކައިރި ވެއްޖެ ކަމަށާއި ކުޑަ އިންތިޒާރެއް ކޮށްލުމަށެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރި ވުމުގައި އެމެރިކާ ބައިވެރިވެއެވެ. ވައިގެ މަގުން ސީރީއާގެ އަސްކަރީ އެކި މަގާމުތަކަށް ހަމަލާ ދެމުން ގެންދެއެވެ. އަދި ހަތިޔާރާއި އެނޫންވެސް މަދަދެ ދެއެވެ.

ސީރިއާ މަޝްރަހް ނުތަނަވަސްވެފައި ވާ މި ދަނޑިވަލުގައި އެ ގައުމުގައި ތިބި ބޭރުގެ އެކިއެކި ގައުމުތަކުގެ މީހުން ގައުމުން ފައިބަން ދަނީ އިރުޝާދު ދެމުންނެވެ.

ސީރިއާގައި މިވަގުތު އޮތް ސަރުކާރަކީ ރަޝިއާ، އީރާން އިން ސީދާ މަދަދު ލިބޭ ސަރުކާރެއް ނަމަވެސް އެގައުމުތަކުގައި ހިނގަމުން ދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ހުރެ ސީރިއާގެ ކަންކަމުގައި ޝާމިލްވެ އުޅުމަށް ވަނީ ނުކުޅެދިފައެވެ.

މި ހަނގުރާމައަކީ މެދުއިރުމަތީގެ މަޝްރަހަށް ނުރައްކާތެރި ހަނގުރާމައެއް ކަމަށާއި ވާހަކަ ދައްކައިގެން ހަމަޖެހުމެއް ހޯދުމަށް ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން، މިސްރު، އީރާގް، އީރާން، ތުރުކީ އަދި ރަޝިއާ އިން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކުން ދިމިޝްގަށް ވަދެގެންފައިވާ އިރު ސޯޝަލްމީޑިއާގައި އާންމުވަމުން ދާ ބައެއް ވީޑިއޯތަކުގައި ދިމިޝްގުގެ މެދުތެރޭގައި އާންމުން އުފާފާޅުކޮށް 'މިނިވަންކަން'، 'މިނިވަންކަން' ގޮވާ އަޑުގަދަ ކުރަމުން ގެންދެއެވެ.

ހަބަރުތައް ބުނާގޮތުން، އިދިކޮޅު ފަރާތްތަކުން ވަނީ، ގައުމުން ބޭރުގައި ތިބި ސީރިއާގެ ރައްޔިތުން ގައުމަށް އެނބުރި އައުމަށް ދައުވަތުވެސް ދީފައެވެ. އެމީހުން ބުނަމުން ދަނީ ބައްޝާރުގެ ހުދުމުހުތާރު ވެރިކަން 13 އަހަރު ރައްޔިތުން ތަހަންމަލް ކުރަމުން ދަނީ އަނިޔާވެރިކަމުގެ ތެރޭގައި ކަމަށާއި މިއަދު މިއީ މިނިވަން ވާ ދުވަސް ކަމަށެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ އެގައުމުގެ ޓީވީ ސްޓޭޝަނާއި ރޭޑިއޯ ސްޓޭޝަން ވެސް ހިފާފައެވެ. އަދި ޑިފެންސް މިނިސްޓްރީވެސް އެމީހުންގެ އަތް ދަށަށް ގެންގޮސްފި ކަމަށް ހަބަރުތައް ބުނެއެވެ.