އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ކުރި އަލް ޝާރާ އިސްވެ ހުރެ ހިންގި ބަޣާވާތުގައި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލިތާ 6 މަސްދުވަހުގެ ތެރޭގައި ހިންދެމިލާނެ ޖާގަ ސީރިއާއިން ހޯދައިފިއެވެ.

ސީރިއާގެ ވަގުތީ ރައީސެއްގެ ގޮތުގައި މިހާރު ހުރި އަހްމަދު އަލް ޝާރާ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ އޭނާގެ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރުވެސް މީގެ ކުރިން ކަނޑައެޅިއެވެ.

ދާހިލީ ހަނގުރާމަ އާ ހުރެ މުޅި ގައުމުގެ އިގްތިސޯދު ފުނޑުފުނޑު ވެފައި އޮއްވާ އެމެރިކާގެ ވެސް މަދަދާއެކު ޝާރާ އިސްވެ ހިންގި ހަރަކާތެއްގައި އަސަދު ވެރިކަން ވައްޓާލީ ހުސްވި ޑުސެމްބަރުގައެވެ.

ސީރިއާ އަކީ، އެމެރިކާ، ރަޝިއާ، އިޒްރޭލު، އީރާން އަދި ތުރުކީގެ މަދަދު ލިބޭ ގިނަ ޖަމާއަތްތަކެއް ހަރަކާތްތެރިވާ ތަނެކެވެ. އެއިން ކޮންމެ ޖަމާއަތަކީ ހަތިޔާރާއެކު ހަރަކާތްތެރިވާ އަދި ސީރިއާގެ ވަކިވަކި ސަރަހައްދުތައް އެބައިމީހުންގެ ކޮންޓްރޯލްގައި ހިފަހައްޓާ ޖަމާއަތްތަކެކެވެ. ސީރިއާގައި އެމެރިކާ، ރަޝިއާގެ އަސްކަރީ ބޭސްތައް އޮންނަ އިރު، އެ ގައުމުތަކުގެ މަސްލަހަތަކީ ބައިނަލްއަގުވާމީ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް އޮންނަ މަސްލަހަތެކެވެ.

އެމެރިކާއަށް ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ޑީލް ހޯއްދަވަން ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި ސީރީއާގެ ވަގުތީ ރައީސް އާ ބައްދަލު ކުރައްވާފައި ވާ އިރު، އޭނާ ވަނީ ސީރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާކަން އިއުލާން ކުރައްވާފައެވެ.

އެއާ ވިދިގެން 27 މެންބަރުން ހިމެނޭ އީޔޫއިން މިއަދު ވަނީ އީޔޫ އިން ސީރިއާ އަށް އަޅާފައި ވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އިއުލާން ކޮށްފައެވެ.

އީޔޫއިން ބުނަނީ އެމީހުން ބޭނުން ވަނީ ހުރިހާ ފިކުރުތަކެއް ހިމެނޭ ޝާމިލް އަދި ސުލްހަވެރި ސީރިއާ އެއް ބިނާކުރަން ޖާގަ ދޭން ބޭނުންވާނެ ކަމަށެވެ.