އެތައް އަހަރެއް ވާންދެން ހަނގުރާމަ ވެރިން ހަނގުރާމަ ކުރަމުން ގޮސް ކުއްލިއަކަށް ބޮޑެތި ސިޓީތަކެއް ހިފައި، އެންމެ ފަހުން ވެރިރަށް ދިމިޝްގުވެސް އަތުލައި ބައްޝާރުގެ ވެރިކަން ވައްޓާލައިފިއެވެ.

ސީރީއާގެ ސަރުކާރާ ދެކޮޅު ހަރަކާތެއް އުފެދި އުތުރު ބިތުގެ ބޮޑުބައި ހަނގުރާމަވެރިން ކޮންޓްރޯލް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ތުރުކީއަށް ބިންހެލުން އައިސް އެތައް ސަތޭކާ ބަޔަކު މަރުވެ ދިޔަ އިރު އިންވެގެން އޮތް ސީރިއާގެ އުތުރު ވެގެން ގޮސްފައި ވަނީ ކާބޯތަކެއްޗާއި އެނޫންވެސް ވަސީލަތްތައް ނުފޯރާ ގޮތަށް އެކަހެރި ކޮށްފައި އޮތް ސަރަހައްދަކަށެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް އެމެރިކާގެ މަދަދާއެކު ފެށިގެން ދިޔަ ހަމަނުޖެހުމުގައި އައިސިސް އުފަންވެ، ޝާމް ގެ ބިން މިނިވަން ކުރުމުގެ އޮއިވަރެއް ފެށި ދުނިޔޭގެ އެތައް ގައުމަކުން އެ ހަނގުރާމައިގައި ބައިވެރިވާން މީހުން ދިޔައެވެ. އޭގެ ތެރޭގައި ދިވެހިންގެ އެތައް ބަޔަކުވެސް ހިމެނެއެވެ.

ސީރީއާގެ ސަރުކާރު ވައްޓާލަން ހަނގުރާމަ ކުރާ ފަރާތްތަކަށް މަދަދުވެރިވާ އެއްގައުމަކީ އެމެރިކާ ކަމަށް ވާއިރު ތުރުކީ އަކީވެސް މަދަދުވެރިއެކެވެ. އަސަދުގެ ސަރުކާރު ދިފާއު ކުރުމަށް މަސައްކަތް ކޮށްދިން ފަރާތްތަކަކީ އީރާނާއި ރަޝިއާއެވެ.

2 ހަފްތާގެ ހަމަލާތަކަކަށް ފަހު ހަނގުރާމަ ވެރިން ކުއްލިއަކަށް ދިމިޝްގަށް ވަދެގަނެ ދިމިޝްގުގެ ކޮންޓްރޯލް ނަގާފައި ވާ އިރު ރައީސް އަސަދު ގައުމު ދޫކުރައްވައި ފިއްލަވައިފައި ވާކަމަށް އެމީހުން ބުނެއެވެ.

ހަނގުރާމަވެރިންގެ ލީޑަރު ހަޔާތު ތަހްރީރް ބުނީ، ރަސްމީކޮށް ސަރުކާރުގެ ބާރުތައް އެމީހުންގެ އަތްމައްޗަށް ފުރޮޅެންދެން ވަގުތީގޮތުން ވެރިކަމުގައި ހުންނަވާނީ ސީރިއާގެ ބޮޑުވަޒީރު ކަމަށެވެ.

އުމުރުފުޅުން މިހާރު 59 އަހަރުގެ ބައްޝާރު ވެރިކަމަށް ވަޑައިގަތީ ބައްޕާފުޅު ހާފިޒް އަލް އަސަދު އަވަހާރަވުމާއެކު 2000 ވަނަ އަހަރުއެވެ. މެޑިސިންގެ ދާއިރާއިން ކިޔަވާ ވިދާޅުވެފައި ވާ އަސަދު ވެރިކަމަށް ވަޑައިގަތް ހާދިސާއަކީ ވެސް ގިނަބަޔަކަށް ހައިރާންކަން ލިބުނު ހާދިސާއެވެ. ސީރިއާގެ ސަގާފަތް އޮންނަ ގޮތުން ބައްޕާފުޅު އަވަހާރަވުމުން ވެރިކަން ލިބިވަޑައިގަންނަވާނީ ދޮށީ ފިރިހެން ދަރިއަށް ނަމަވެސް އަސަދުގެ ދޮއްޓަށް ހުންނެވި ދަރިކަލުން ވަނީ ކާރު އެކްސިޑެންޓެއްގައި އަވަހާރަ ވެފައެވެ. އެއީ ގަސްދުގައި ކުރިކަމެއް ކަން ނުވަތަ ނޫންކަން ސާބިތު ވެފައެއް ނުވެއެވެ.

އަސަދުގެ ވެރިކަމުގައި 2011 ގައި އުފެދިގެން ދިޔަ ޑިމޮކްރަސީގެ ރޫހުގެ ތެރެއިން އާންމު ރައްޔިތުން މަގުތަކަށް ނިކުމެ ހިންގި މުޒާހަރާތަކާ ވަރުގަދައަށް ކުރިމަތި ލައްވައި ސިފައިން ލައްވައި އެތައްހާސް ބަޔަކު މަރާލި ކަމުގެ ތުހުމަތު އަސަދުގެ އިސްތަށިފުޅުގައި އެޅުވިއެވެ. އަދި ކެމިކަލް ހަތިޔާރު ބޭނުން ކުރުމާއި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލެއް ހިންގެވި ކަމުގެ ތުހުމަތު ކުރިއެވެ.

ދިމިޝްގް ހިފާ ގައުމީ ޓީވީގައި ހަނގުރާމަވެރިން އެކަން އިއުލާން ކޮށްފައި ވާ އިރު، މިވަގުތު މުޅި ސީރިއާގައި ފެންނަމުން ދަނީ އުފާފާޅުކުރަމުން ދާ މަންޒަރު ތަކެވެ. ބައެއް ސަރަހައްދުތަކުގައި އަސަދުގެ ސިފައިން ހަނގުރާމަވެރިންނާ ކުރިމަތިލަމުން ދިޔަ ނަމަވެސް ގިނަ ސަރަހައްދުތަކުގައި ސިފައިން ވަނީ ހަތިޔާރު ބަހައްޓާ އަމާން ދީފައެވެ.

މިއަދު ސީރިއާ ހިފައި، ހަނގުރާމަވެރިން ވަނީ، ޖަލުތަކުގައި ތިބި ހުރިހާ ކުށްވެރިންވެސް މިނިވަންކޮށްފައެވެ. އަދި މިއަދަކީ ނަސްރުގެ ދުވަހުގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.

ހަނގުރާމަވެރިން ސީރިއާ ހިފިއިރު އަސަދު ފިއްލަވައިގެން ވަޑައިގެންތަނެއް އަދި ނޭނގެއެވެ.