އެމްފައިސާ މެދުވެރިކޮށް ތުރުކީއާއި ސީރިއާއަށް އެހީތެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

މިދިޔަ ހޯމަދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގަ އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 37،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އެ ގައުމުތަކަށް އެހީވުމަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގިނަ ބަޔަކު އެކި ހަރަކާތްތެރި ހިންގަމުންދާއިރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މެދުވެރިކޮށް ވެސް ގިނަ ބަޔަކު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމް ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވުމަށްފަހު ސްމާޓް ޕޭ ހިޔާރު ކުރުމަށްފަހު ކިއުއާރު ސްކޭން ކުރާނީއެވެ. އަދި އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު ޕޭމަންޓް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫން ބުނި ގޮތުގައި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އެމް ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެމް ފައިސާ މެދުވެރިކޮށް ލިބޭ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް މެދުވެރިކޮށް ކަމުގައެވެ.