ދިވެހިން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނި ކޮށްފިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖާކޮށް، ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިއުލާން ކުރައްވަން ޖެހޭ އިރު، އެޗްޓީއެސް ޖަމާއަތަކީ އޮކްޓޫބަރު، 2019 އިން ފެށިގެން ރާއްޖޭގެ ޓެރަރިސްޓް ލިސްޓްގައި އޮތް ޖަމާއަތެކެވެ.

އެ ލިސްޓް ޑިސެމްބަރު، 2024 ގައި އެންމެފަހުން ނެރުނު އިރު ވެސް އެޗްޓީއެސް ޖަމާއަތް ހިމެނޭހެން 20 ޖަމާއަތެއް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ލިސްޓްގައި އެޗްޓީއެސް ޖަމާއަތް ވަނީ އުނިކޮށްފައެވެ.

މީގެ އިތުރުން ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން އުވާލާ، މިހާރު ސީރުއާއަށް ދަތުރުކުރުން ހުއްދަކޮށްފައިވާއިރު މީގެ ކުރިން ދިވެހިން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިހާރު ސީރިއާގައި ވެރިކަން ކުރަމުން އަންނަ އެޗްޓީއެސްގެ މަގްސަދަކީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލައި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ގާއިމުކުރުމެވެ.