މަތީ ތައުލީމާއި ތަމްރީންގެ ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

720 ދަރިވަރަކަށް ދޭނެ ލޯން ފައިސާ ހަމަޖެހިފައި ވާއިރު ސްޓޫޑަންޓް ލޯނަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ އަންނަ މަހު 23 ވަނަ ދުވަހެއެވެ. މިނިސްޓްރީން ބުނީ، ސްޓޫޑަންޓް ލޯނަށް ހުށަހަޅާ ދަރިވަރުންނަށް ފޯމްތައް މިނިސްޓްރީގެ ފަރާތުން މައްސަލައެއް ހުރިތޯ ބެލުމަށް ރިވިއުކޮށްދިނުމުގެ ހިދުމަތްވެސް ދޭނެ ކަމަށެވެ.

ދޫކުރާ ޖާގަތަކަށް ބަލާއިރު ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް 60 ޖާގަ ހާއްސަ ކޮށްފައިވާއިރު މިއަހަރު ޑޮކްޓަރުކަން ކިޔެވުމަށް ނުވަތަ އެމްބީބީއެސްއަށް 55 ޖާގަ ވަނީ ހާއްސަކޮށްފައެވެ. މީގެ އިތުރުން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް ކޯސް މެޑިސިން ދާއިރާގައި ހެދުމަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ހުޅުވާލާފައިވާއިރު މިނިސްޓްރީން ބުނީ، 13 ފުރުސަތަކަށް އެޕްލައި ކުރެވޭނީ ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖެއް ނުވަތަ ޔުނިވާސިޓީއަކުން ނޮމިނޭޝަން ސިޓީއެއް ހުށަހެޅުމުން ކަމަށެވެ.

ސްޓޫޑަންޓު ލޯން ފުރުސަތު ހުޅުވާލުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ވަކި ދާއިރާތަކަށް ދޭ ފުރުސަތުތަކުގެ އަދަދު އިތުރު ކުރިނަމަވެސް، ހުރިހާ ދައިރާއަކުން ވެސް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި އަމިއްލަ އިހުތިޔާރުން ބޭރުން ކިޔެވުން ނުނިމި ލަސްވެފައިވާ ދަރިވަރުންނަށް ލޯން އެކްސްޓެންޑް ކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.