ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެކޮމިޝަނުން ތަހުގީގު ކުރި 4 ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކުރި ސްކޫލީ މައްސަލައަކީ އޮގަސްޓް 7، 2019 ވަނަ ދުވަހު ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވާ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ނޮވެންބަރު 10، 2022 ވަނަ ދުވަހު ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުގެ ސުލޫކީ މައްސަލައެއް ކަަމަށެވެ.

މީގެ އިތުރުން، ޖެނުއަރީ 06، 2021 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހްގީގު ކުރުމަށް ނޯޓިސް ދީފައިވާ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލައެއް ވެސް ތަހުގީގު ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ތަހުގީގު ކުރި އެމައްސަލަތައް ސާބިތު ނުވާކަމަށް ނިންމީ ފެބްރުއަރީ 12، 2023 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުން ދާނެ ކަމަށެވެ