ކިންގް ސަލްމާން މިސްކިތުގެ ނަމާދު ކުރާ ބައިގައި ހަރުކޮށްފައި ހުރި އޭސީތައް މަރާމާތު ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އޭޕްރިލް މަހު ހުޅުވި ސަލްމާން މިސްކިތުގެ އޭސީތަކުން ފިނިނުވާތާ ހަތަރު މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާ އިރު، ނަމާދަށް ހުންނަ ވަގުތުތަކުގައި ހޫނުވާތީ މިސްކިތަށްދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. މިސްކިތުގެ އެތެރެ ހޫނުކަމުން އެތަނަކީ "އަވަނެއް" ގެ ގޮތުގައި ވެސް ބައެއް މީހުން ވަނީ ސިފަ ކޮށްފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރޫން ބުނީ، އެ މިސްކިތަށް ފިނި ނުވާ މައްސަލަ ހައްލުކޮށްފައި ވާނީ މިދިޔަ ބުރާސްފަތު ދުވަހުގައި ކަމަށެވެ. އެހެންކމަުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ މިސްކިތުގެ އޭސީތައް ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖުމްލަ ހަތަރު އޭސީ ޔުނިޓެއް ހަރުކޮށްފައި ހުރި ސަލްމާން މިސްކިތުގައި އޭރު މަސައްކަތް ކުރަމުން ދިޔައީ އެންމެ ޔުނިޓެކެވެ. އެހެންކަމުން އޭރު އެ މިސްކިތަށް އެއް ޔުނިޓުން ބޭނުންވާ ވަރަށް ފިނި ނުކޮށްދެއެވެ.

ސަލްމާން މިސްކިތުގައި އޭސީ ހަލާކުވެފައި ހުރި އިރު ބަޔަކު ހުކުރަށް ގޮސް / ފޮޓޯ: ދަ ޕްރެސް

ސަލްމާން މިސްކިތުގައި އޭސީ ހަރުކޮށްފައި ވަނީ ބޭރުގެ ކޮންޓްރެކްޓަރުން ލައްވައެވެ. ރާއްޖޭން އެ މިސްކިތުގެ އޭސީތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވުމުން، އެ މިސްކިތުގައި އޭސީ މަރާމަތު ކޮށްފައި ވަނީ އޭސީ ބެހެއްޓި ބޭރުގެ ކޮންޓްރެކްޓަރުންނެވެ.

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު މިސްކިތް ކަމަށްވާ ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އައްސުއޫދުގެ އެހީތެރިކަމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މިސްކިތެކެވެ. ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި މިސްކިތަކީ ޖުމްލަ ހަތަރު ފަންގިފިލާ އެއް ހިމެނޭ ގޮތަށް ޤުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމްތަކެއްގެ އިތުރުން، ޖަލްސާކުރާ މާލަމެއް ހިމެނޭ 41،500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.