މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ބޮޑު ރޯދަ ވީއްލުމެއް ދޭން ނިންމައި، 'ކޮމިއުނިޓީ އިފްތާރު' ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އުރީދޫއިން ފެށި ހަރަކާތުގައި މިއަދުގެ ރޯދަވީއްލުމުގައި ވެސް ގިން އަދަދެއްގެ މީހުން ބައިވެރިވެއްޖެއެވެ.

އުރީދޫން ބުނީ، މިއަދު ސަލްމާން މިސްކިތުގައި ގޯތިތެރޭގައި ބޭއްވި މި ހަރާކަތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ދޭ މި ރޯދަ ވީއްލުމަށް ހަފުތާއިން ހަފުތާއަށް މުޖުތަމައުގެ ގިނަ ބަޔަކު ރޯދަ ވިއްލުމުގައި ބައިވެރިވުމަކީ އުފާ ކުރާ ކަމެއް ކަމަށް އުރީދޫން ބުނެއެވެ.

މިއަދުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ބިދޭސީން އަދި ދިވެހިން ވެސް ވަނީ ބައިވެރިވެފައެވެ.

'ކޮމިއުނިޓީ އިފްތާރު' އަކީ މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ “ހަދިޔާ” ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތަކެވެ. ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވާނެ ކަމަށް އުރީދޫން ބުނެއެވެ.

މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ބިދޭސީންނަށް ހާއްސަކޮށް ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް އުރީދޫން ވަނީ ހަމަޖައްސާފައެވެ.