ކިންގް ސަލްމާން މިސްކިތުގެ އޭސީ އަށް ދެފަހަރެއްގެ މަތިން މައްސަލަ ދިމާވި ކަމަށާއި، އެ މިސްކިތުގެ އޭސީ އަށް މައްސަލަ ދިމާވަނީ ލޮނުގެ ސަބަބުން ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައިގައި ހަރުކޮށްފައި ހުރި އޭސީ އަށް މައްސަލަ ދިމާވެ، ނަމާދަށް ހުންނަ ވަގުތުތަކުގައި ހޫނުވާތީ، އެ މިސްކިތަށް ދާ ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަތަރު މަސް ދުވަހަށް ފަހު އޭސީ ޔުނިޓްތައް މަރާމާތުކޮށް ނިމުނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަލްމާން މިސްކިތުގެ އޭސީގައި މައްސަލަ ހުންނަކަން ފާހަގަވީ މިދިޔަ އޮގަސްޓު މަހުގައި ކަމަށާއި، އެ ފަހަރު ކޮންޓްރެކްޓަރާ ވާހަކަ ދެކެވި، އެ މަހުގެ ފަހުކޮޅު އޭސީތައް ރަނގަޅު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އޮކްޓޯބަރު މަހު ދެވަނަ ފަހަރަށް އޭސީ ޔުނިޓުތަކަށް މައްސަލަ ދިމާވުމުން ކޮންޓްރެކްޓަރުންނާ ވާހަކަ ދެކެވި، މަސައްކަތް ފެށުނީ މިދިޔަ މަހުގެ 23 ގައެވެ. އަދި އޭސީ ޔުނިޓުތައް މަރާމާތުކޮށް ނިމިފައިވާކަން ފާހަގަކުރެއްވިއެވެ.

ސަލްމާން މިސްކިތުގެ އޭސީ އަށް މައިގަނޑު ގޮތެއްގައި މައްސަލަ ދިމާވަނީ ލޮނުގެ ސަބަބުން ކަމަށާއި، ލޮނު ޖެހުމުގެ ސަބަބުން އޭސީ ދަބަރަށް ވެގެން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު މިސްކިތް ކަމަށްވާ ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އައްސުއޫދުގެ އެހީތެރިކަމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މިސްކިތެކެވެ. ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ މިސްކިތުގެ ކޮމްޕްލެކްސްގައި ޖުމްލަ ހަތަރު ފަންގިފިލާ އެއް ހިމެނޭ ގޮތަށް ޤުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމްތަކެއްގެ އިތުރުން، ޖަލްސާކުރާ މާލަމެއް ވެސް ހިމެނެއެވެ.