1،029 ބައިވެރިންނާއެކު ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފަށަން ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިން އަދި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ކަމަށެވެ. މި އަހަރުގެ މުބާރާތް ހުޅުވާލައިފައި ވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައި ކަމަށް އިސްލާމިކް މިނިސްޓްރީއން ބުނެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކަމަށާއި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓި ޕާޕަސް ހޯލްގައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށް ދާނީ ހަވީރާއި ރޭގަނޑުއެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖައާކޮށް ހެޔޮބަދަލުތައް ގެނައުމަށްފަހުކަން މިނިސްޓްރީއިން ފާހަގަ ކުރެއެވެ. އެގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލް ކުރެވިފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މީގެއިތުރުން މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހިވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ގަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.