ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވާ ހުރީ ސައުދީ ސަރުކާރުން ތާރީހެއް ނުދޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުމާއި ގުޅޭ ގޮތުން ކޮވިޑް19 ފެތުރުމުގެ ކުރިން ފޮރިން މިނސިްޓްރީއާއި ރައީސް އޮފީސް އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށެވެ.
މީގެ އިތުރުން ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެން މިސްކިތް ހުޅުވުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި މިސްކިތް ހުޅުވާނެ ތާރީހެއް އަންގާނެކަމަށް ސައުދީ ބޭފުޅުން ވިދާޅުވި ނަމަވެސް މިހާތަނަށް އަދި އެއްވެސް ތާރީހެއް ލިބިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.
މި މިސްކިތް އިމާރާތް ކުރުމަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާއިރު ސައުދީން ދިނީ 14.5 މިލިއަން ޑޮލަރު (22.3 މިލިއަން ރުފިޔާ) އެވެ. ބާކީ ފައިސާ ހަރަދު ކުރީ ދިވެހި ސަރުކާރުންނެވެ.