ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް މަޖިލީހުގެ އަންހެން ސެކިޔުރިޓީން ފޮނުވުން އިދިކޮޅު ކޯލިސަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ޕީޕީއެމްއިން ބުނީ މަޖިލީހުގެ ފިރިހެން މެންބަރުން ގަދަކަމުން ނެރުމަށް އަންހެން ސެކިޔުރިޓީން ފޮނުވުމަކީ އަންހެނުންގެ އިއްޒަތާއި ކަރާމާތް ގަސްދުގައި ނަގާލުން ކަމާއި އެކަން ކޮށްފައިވަނީ މުޖުތަމައުގައިވެސް އަންހެނުންނަށް ފުރައްސާރައާއި ނިކަމެތިކަން ކުރިމަތިވާނެ ފަދަ ގޮތަކަށްކަން ވަރަށް ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުން އެފަދަ ގޮތަކަށް އެކަން ރާވާފައިވަނީ އިދިކޮޅުގައި ތިބީ ހުސް ފިރިހެން މެންބަރުންކަން އެނގި ހުރެ ކަމަށާއި އެ މެންބަރުންނާއި އެ ސެކިޔުރިޓީއިންވެސް ލަދުވެތި ކުރުވުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ. އަދި އެއީ އިސްލާމީ މުޖުތަމައު ގަބުލުކުރާ ރިވެތި ހަމަތަކާއި އުސޫލުތަކާއިވެސް ހިލާފަށް ހިންގާފައިވާ ވަރަށް ހަޑިހުތުރު އަމަލެއް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން ބުނީ އަންހެން ސެކިޔުރިޓީންނަށް ލަދުވެތިކަމާއި ފުރައްސާރަ ކުރިމަތިވާ ގޮތަށް މިކަން މިހެން ހިނގާ ދިޔައިރު ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދާއި ޖެންޑާ މިނިސްޓަރާއި އަންހެން ވަޒީރުންނާއި މަޖިލީހުގައި ތިއްބެވި ހަމައެކަނި އެމްޑިޕީއަށް ނިސްބަތްވާ އަންހެން މެންބަރުންނާއި ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުން އެ މަންޒަރުތައް ބައްލަވަން ވަރަށް ގަޔާވެގެން ތިއްބި ކަމަށެވެ.

ޕީޕީއެމްއިން އިތުރަށް ބުނީ އެކަމުގެ ސަބަަބުން ސަރުކާރުން އަންހެނުނަނަށް ކުރާ އިހުތިރާމާއި ގަދަރު ކުޑަކަމާއި މި ސަރުކާރުން އަންހެނުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮންމެ ފަދަ ގޮތަކަށްވެސް ބޭނުންކޮށްފާނެކަން ހާމަވެގެން ދިޔަ ކަމަށެއް ކަމަށެވެ.