މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް، އިދިކޮޅުގެ އިހްތިޖާޖުގެ ތެރެއިން ހައްޔަރުކުރި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދޫކޮށްލުމަށް، ސިޓީ ކައުންސިލުން ފުލުހުންނަށް ގޮވާލައިފިއެވެ.
ހެންވޭރު ރޯޝަނީ ބިލްޑިން ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އާންމު ގިނަ މެންބަރުން މިއަދު ކުރި އިހްތިޖާޖުގައި ގޮވާލާފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ. އަށް މީހަކު އެ އިހްތިޖާޖުން ހައްޔަރު ކުރި އިރު، އޭގެ ތެރޭގައި ނަރީޝް ވެސް ހިމެނެއެވެ.
ސޯޝަލް މީޑިއާގައި މި ފަހުން އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، އިހްތިޖާޖު ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހުންނަށް، ނަރީޝް ވަނީ ބޭއަދަބީ ވައްތަރުތަކެއް ޖައްސައި ފުރައްސާރަ ކޮށްފައެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ކައުންސިލުން ވަނީ، ފުލުހުން ނަރީޝް ހައްޔަރުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މާލޭގެ އާންމުން ތަމްސީލުކުރާ ކައުންސިލަރެއްގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެއީ ޑިމޮކްރަޓިކް ވެއްޓެއްގައި ކަންވެގެން ދާން ޖެހޭނެ ގޮތެއް ނޫން ކަމުގައި ވެސް ކައުންސިލުން ބުންޏެވެ.
އެހެންކަމުން، ނަރީޝް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ކައުންސިލުން ގޮވާލާ ކަމަށް، ބަޔާނުގައިވެއެވެ.
ރައީސްގެ ރިޔާސީ ބަޔާން އިއްވަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅުގެ ބައެއް މެންބަރުން ވަނީ އަޑުގަދަކޮށް، ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސްއަޅައިފައެވެ. އެއާއެކު އެ މެންބަރުންގެ ނަން އިއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ކުރިއަށް ދާނީ އެ މެންބަރުން މާލަމުން ނިކުންނެވުމުން ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ނިޒާމް ގެއްލި، ޖަލްސާ މެދުކަނޑާލަން ވެސް ޖެހުނެވެ.
ރައީސް ޔާމީން މިނިވަން ކުރަން ދޮގު ހެކި ދިން މީހުންނަށް ބޮޑެތި އަދަބު ދޭންޖެހޭ