މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ކަންކަން ތަންފީޒު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބާއި މަސްއޫލިއްޔަތު އަދި ބައިވެރިވުން ހިމެނޭ ހުރިހާ ކަމެއްގައި މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާ ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވާ ނިމުމުންނެވެ. އިތުރަށް ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިއްޒަތްތެރި މެންބަރުން ކުރައްވާ މަސައްކަތް އުފަލާ އެކު ފާހަގަ ކުރައްވާ ކަމަށެވެ. މި އަހަަރަކީ ވެސް ރައްޔިތުންގެ މަޖިލީހުން މުހިއްމު މަސައްކަތެއް ކުރިވިގެން ދާނެ ކާމިޔާބު އަހަރަކަށް ވުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވެވި އިރު ރައީސް ސޯލިހް ވަނީ މުހިއްމު މަޝްރޫއުތަކަށާއި އަދި ސަރުކާރުން ނިންމާފައިވާ މުހިއްމު ނިންމުންތައް އިއުލާން ކުރައްވާފައެވެ. އެ ގޮތުން އަންނަ މެއި މަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަވެސް ބޮޑު ކުރަން ނިންމާފައިވާ ކަން ވަނީ އިއުލާން ކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަން ސް ބޮޑުކުރައްވާނެ ކަމަށާއި ޖޫން މަހު އެކަން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އަޅާ އެއާޕޯޓްތަކުގެ މަޝްރޫތަކާއި ޓާޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތާއި ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ އިތުރުން ގުޅީފަޅަށް ޕޯޓް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މާލެ މީހުންނަށް ގޯތި ދޫކުރުމުގެ ކަންކަމުގެ ތެރެއިން އަންނަ މާޗް މަހުގެ ތެރޭގައި ގޯތި ލިބޭ މީހުން އިއުލާން ކުރައްވާނެ ކަމަށާއި ކުރިން ގޯތި ދުކުރާ އަދަދަށް ވުރެ އިތުރަށް ގޯތި ދޫކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ސަރުކާރުގެ ފަރާތުން އަޅާ ސަބްމެރިން ކޭބަލް އަޅައި މިއަހަރު ފަހު ކޮޅު ހިދުމަތް ދެވޭނެ ކަމަށާއި އެ ކަމުގެ ސަބަބުން އިންޓަނެޓް އަގުހެޔޮވެ، ސްޕީޑަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާލުވިއެވެ. އަދި އައިޑީ ކާޑް ޑިޖިޓަލް ކުރެވި، ސަރުކާރުން ދޭ ހިދުމަތްތައް އޮންލައިންކޮށް މުޅި ރާއްޖެ ޑިޖިޓައިޒް ވަމުންދާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މިއަދު މަޖިލީސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އިވާ އަބްދުﷲއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކުރީގެ އެމްޑީޕި ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. މިއީ މި ބޭފުޅުން މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާއެއް ބޮއިކޮޓް ކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ.