ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "އައުޓާ ބޭންކްސް" ގެ ތިން ވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ސީރީޒްގައި ހިމެނޭ މައިގަނޑު ތަރިންނަކީ މެޑްލީން ކްލައިން (ސާރާ)، ޗޭސް ސްޓޯކްސް (ޖޯން ބީ)، ރޫޑީ ޕެންކޯ (ޖޭޖޭ)، މެޑިސަން ބެއިލީ (ކީ) އަދި ޖޯނަތަން ޑޭވިސް (ޕޯޕް) އެވެ. މި ހުރިހާ ތަރިންނެއްވެސް މި ސީޒަނުގައި ހަރަކާތްތެރި ވާނެއެވެ. ދިހަ އެޕިސޯޑު ހިމެނޭ ގޮތަށް ތިން ވަނަ ސީޒަން ނެރެން ތައްޔާރުވަުން އަންނައިރު މި ސީރީޒް ނެޓްފްލިކްސްގައި ސްޓްރީމްކުރާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ސީރީޒްގެ ޓްރެއިލާ އިން ފެނިގެން ދަނީ ސީރީޒްގެ ތަރިން އާދައިގެނ ދިރިއުޅެމެއް އުޅެމުން ދަނިކޮށް ހަޒާނާ އެއް ހޯދަން ޖެހޭ ހިސާބުންނެވެ. އެ ހަޒާނާ ހޯދަން އުޅުމުގެ ތެރޭގައި ދިމާވާ އެކި އެކި ނުރައްކާތަކާ ކުރިމަތި ލާތަން ވެސް މި ޓްރެއިލާ އިން ފެނިގެންދެއެވެ. ޓްރެއިލާ އިން ފެންނަ އެންމެ ހާއްސަ އެއް ކަމަކީ ޖޯން ބީ އަށް އޭނާގެ ބައްޕަ އާއި ދިމާވާ މަންޒަރެވެ.

ސީރީޒް ފެށިގެން ދިޔައީ ޖޯން ބީ ގެ ބައްޕަ މަރުވެ، ބައްޕަގެ ހަޒާނާ އެއް ހޯދުމަށް ޖޯން ބީ އާއި އޭނާގެ އެކުވެރިން މަސައްކަތް ފަށާ ހިސާބުންނެވެ. ނަމަވެސް ދެވަނަ ސީޒަން ނިމިގެންދިޔައީ ޖޯން ބީ ގެ ބައްޕަ ދިރިހުރިކަން އެނގޭ ހިސާބުންނެވެ. ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.