ނެޓްފްލިކްސްއިން އިއްޔެ ދައްކަން ފެށި ސީރީޒް "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަންޒަރުތަކެއް ދައްކާލައިފިއެވެ.
"އައި އޮފް ދަ ޓައިގާ ޝާކް"ގެ ނަމުގައި ނެރުނު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ފުވައްމުލައް ސިޓީގެ ވަށައިގެންވާ ކަނޑު އަޑީގެ ސަރަހައްދު ދައްކާލާފައިވެއެވެ. އަދި އެ ރަށުގެ މަލަމައްޗާއި އެހެނިހެން ތަންތަން ވެސް ދައްކާފައިވާއިރު ޝޯގައި ފުވައްމަލަކަށް ނިސްބަތްކޮށް ބޭނުންކޮށްފައި ވަނީ "ޝާކް އައިލެންޑް"ގެ ގޮތުގައެވެ.
މި ސީރީޒްގައި ފުވައްމުލައް ފެންނަ މަންޒަރުތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ކުރެއްވި ޕޯސްޓުގައި ވަނީ، މިއީ ޑައިވަރުންނާ، ފަތުރުވެރިންނާ އަދި ގުދުރަތީ މާހައުލުދެކެ ލޯބިވާ އެންމެންގެ ސަމާލުކަން ހޯދަން އެރަށަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ފުވައްމުލައް ސިޓީގެ ޑައިވް ސެންޓަރުތަކާ، ގެސްޓް ހައުސްތަކާ އަދި އެ ސިޓީ ޕްރޮމޯޓްކުރަން މަސައްކަތް ކުރާ ސްޓޭކްހޯލްޑަރުންނަށް ޝުކުރުއަދާކުރަމުން މޭޔަރު ވިދާޅުވީ މި ދިން އެއްބާރުލުމުގެ ސަބަބުން ފުވައްމުލައް ދުނިޔޭގެ ފެންވަރުގެ ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަކުރެވިގެން ހިނގައްޖެ ކަމަށެވެ.
އޯލް ދަ ޝާކްސް ސީރީޒްއަކީ މެރިން ސައިންޓިސްޓުންގެ ހަތަރު ޓީމަކުން އެންމެ ގިނަ ވައްތަރުގެ އަދި އެންމެ ތަފާތު ވައްތަރުގެ މިޔަރު ފޮޓޯނަގަން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވައިލާ ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒްގައި ފޮޓޯ ނަގާ މިޔަރުތަކުގެ ތަފާތުކަމަށް ބަލައި ޕޮއިންޓު ލިބެއެވެ. އަދި މި ސީރީޒްއިން މޮޅުވާ ޓީމަކަށް 50،000 ޑޮލަރު ލިބޭނެއެވެ. މި ފައިސާ ހޭދަކުރާނީ އެމީހުން އިހުތިޔާރުކުރާ މެރިން ކޮންޒަވޭޝަން ޗެރިޓީއަކަށެވެ.
ގިނަ އަދަދެއްގެ ފެމުނުމިޔަރު ފެންނަ ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.