ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖިގްރާ" އިއްޔެ ނެޓްފްލިކްސްގައި ސްޓްރީމްކޮށްފިއެވެ.
ނެޓްފްލިކްސް އިން މި ފިލްމު ބެލޭނެ މަގު ތަނަވަސްވުމާއެކު ސިނަމާތަކުން މި ފިލްމު ނުބެލި، އަދި އެއްފަހަރު މި ފިލްމު ބަލަން ބޭނުންވެފައި ތިބި މީހުންނަށް ފުރުސަތު ތަނަވަސްވެގެންދާނެއެވެ. މިދިޔަ އޮކްޓޯބަރު 11 ގައި ރިލިޒްކުރި މި އެކްޝަން ތުރިލާ އަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި އޭނަގެ މެންޓޯ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވަޔަކޮމް 18 ގުޅިގެން ގެނެސްދިން ފިލްމެކެވެ.
އާލިއާ އާއި ވެދާންގް ރެއިނާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ރެއިނާ ކުޅުނު ކެރެކްޓާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ފިލްމު ހިޓު ފިލްމަކަށް ހަދައިދިނީ ރެއިނާގެ މޮޅު އެކްޓިންގެ ސަބަބުން ކަމަށް ގިނަ ބެލުންތެރިން ބުނެފައިވެއެވެ. ކޮއްކޮ ސަލާމަތްކުރުމަށް ދައްތަ ކުރިމަތިލާ ނުރައްކާތެރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް ގިނަ ކްރިޓީކުން ވަނީ ފަސް ތަރިން 3.5 ގެ ރޭޓިންނެއް ދީފައެވެ. މިދިޔަ އަހަރު "ދި އާޗީސް" އިން ބޮލީވުޑަށް ތައާރަފްވި ވެދާންގް އަކީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ އުންމީދީ ތަރިއެކެވެ.ފިލްމުގައި އާލިއާ އާއި ވެދާންގް ގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ ނޯޖް ޕަހްވާ އާއި ރާހުލް ރަވިންދުރަން އަދި އަދިތިޔާ ނަންދާ އެވެ. މި ފިލްމަކީ މިއަހަރު ސިނަމާއަށް އަންނަ އެންމެ އުންމީދީ އެއް ފިލްމުވެސްމެއެވެ. މި ފިލްމުގެ އޯޕަނިންއަށް ވަނީ 4.5 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ހަފްތާ ބަންދުގައި މި ފިލްމަށްވަނީ 16.5 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.