ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ މަސް ހިފަން ނުކުމެ އުޅުނު އެ ރަށަށް ނިސްބަތްވާ އަބްދުﷲ އިބްރާހިމް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެރަށު މޫދު ކައިރީގައި މަރުވެފައި އޮއްވާ ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ 68 އަހަރު ދިވެހި ފިރިހެނެއް ކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ ދޭތެރެއަކުން ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެކެވެ.

މިއަދު ވެސް ފަތިސް ނަމާދަށް ފަހު އޭނާ ދަލެއް ހިފައިގެން މޫދަށް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މެންދުރު ވީއިރު ވެސް އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.