އއ. މާޅޮހުގައި އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމްއަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ކުޑަކުއްޖެއްގެ ބަޔާން ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ.

އަބްދުއްރަހްމާންއަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވާ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮނެވެ. އެ މައްސަލާގައި އެރަށު ތިން މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ އަހްމަދު އާޝިދު އާއި މުހައްމަދު ވިސާމްގެ އިތުރުން އަހްމަދު ފާރިސްގެ މައްޗަށެވެ.

އަހްމަދު އާޝިދުގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މުހައްމަދު ވިސާމް އަދި އަހްމަދު ފާރިސްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފަ އެވެ. އެގޮތުން އެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ބަޔާން ރައްކާތެރިކުރުމުގެ އަމުރަކަށާއި އެ ކުއްޖާގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް އަދި މަރުވި މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ހިމެނޭ ރިޕޯޓެއް ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. މީގެ އިތުރުން ވެސް ދައުލަތުން ވަނީ މިއަދު ޑީއެންއޭ ރިޕޯޓުތައް ހުށަހަޅާ ދައުވާ ލިބޭ ފަރާތަށް ރައްދުކޮށްފައެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ހުށަހެޅުމަށާއި އަދި ދައުވާއަށް ޖަވާބުދާރީވުމަށް އޮންނަ އަޑުއެހުން އަންނަ މަހުގެ 12 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

މި ތިން މީހުންގެ އަދަބެއްގެ ގޮތުގައި ދައުލަތުން އެދިފައި ވަނީ އާޝިދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު، ތިން މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށެވެ. އަދި ވިސާމާއި ފާރިސްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު ދެ މިލިއަން ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކޮށްދިނުމަށްވެސް އެދިފައި ވެއެވެ.

ގިނަ އަދި ބޮޑެތި އަނިޔާތަކެއްދީ އަބްދުއްރަހްމާން ޒަހަމްކޮށްލާފައި އޮއްވާ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. ދެމަފިރިން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، ފިރިމީހާ އަށް ހަމަލަދީފައިވާކަން ނާޒިމާ އަށް އެނގުނީ އޭނާ ފާހާނާއަށް ވަނުމަށް އަބްދުއްރަހްމާން ނިދާފައި އޮތް ކޮޓަރިއަށް ވަނުމުން ކަމަށް ވެއެވެ.