ކ. ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ނިޔާވި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓް ކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި 32 އަހަރުގެ ސްރީލަންކާގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) މި މަހުގެ 26 ގައި ގެއްލިފައިވާ އިރު، އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިގެން ބެލި އިރު އެ ދުވަހު އޭނާ ފެނިފައި ވަނީ ނިޔާވެފައި އޮއްވައެވެ.
ފުލުހުން ބުނީ، ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ އަމީން މިއާ ނިޔާވެފައި ވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިފައިވާ ކަމަށެވެ. އޭނާ ނިޔާވީ އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި އޭނާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށެވެ.
