ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތިކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
އެ ބޯޓުގައި ކައްކާއެއްގެ ގޮތުގައި އުޅުނު، ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:17 ހާއިރެވެ. އެރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ދުވަސް ކޮޅަކަށް ކުރިއަށް ގެންދިއުމަށްފަހު، މިސްރާބު ބަދަލުކޮށް މަރުގެ މައްސަލައަކަށް އެ މައްސަލައިގެ ތަހުގީގު ބަދަލު ކުރިއެވެ.
އެ ތަހުގީގުގެ ދަށުން، ލުތުފަރާއެކު އެ ބޯޓުގައި އުޅުނު ބަންލަދޭޝްގެ ތިން މީހުން ކަމަށްވާ، އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރު ހުސެއިން ހައްޔަރު ކުރިއެވެ. އެއަށްފަހު އެމީހުން ލުތުފަރާ މެދު ކަންތައް ކުރިގޮތް ފުލުހުން ވަނީ މީޑިއާވެސް ހިއްސާކޮށްފައެވެ. އެ ތިން މީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.
އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އެ ތިން މީހުން އެކަމަށް ކުރިން އެއްބަސްވި ނަމަވެސް 2019 ވަނަ އަހަރު ޖުލައި 25 ގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އެ ތިން މީހުން ބުނެފައި ވަނީ އެ މީހުން އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. އެއާއެކު ތަހުގީގު ފުރިހަމަކޮށް، އަލުން ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެމްޑީ އަހްތަރު ވަނީ ޖަލުގައި މަރުވެފަ އެވެ.
ދައުވާލިބޭ އަނެއް ދެ މީހުން ކަމަށްވާ އަލަމިން އަދި ނޫރުލް އިސްލާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ހުކުމް އިއްވަމުން ގާޒީ އަހުމަދު ޝާފިއު ނިންމެވީ ލުތުފަރު މަރާލައި، އޭނާގެ ހަށިގަނޑު ކަނޑު ފެއްތިކަން އެ ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށެވެ. ކުށް ސާބިތުވުމަށް އެންމެ ބޮޑު ގަރީނާއެއްގެ ގޮތުގައި އޮތީ ތަހުގީގަށް އެމީހުން ދީފައި އޮތް ބަޔާން ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ ބަޔާނުގައިވާ ގޮތުން ލުތުފަރު މަރާލި ގޮތާއި ހަށިގަނޑާ މެދު އަމަލު ކުރި ގޮތް ތަފްސީލުކޮށް ކިޔާދިނުމަށްފަހު ވަނީ ތަމްސީލުވެސް ކޮށްދީފައެވެ. އެއާއެކު އެމީހުން އިއުތިރާފުން ރުޖޫއަވެފައިވީ ނަމަވެސް، ތަހުގީގައި ވެފައިވާ އިއުތިރާފަކީ މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ދީފައިވާ ސައްހަ އިއުތިރާފެއް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
އެ މައްސަލާގައި އޮތް އެންމެ ބޮޑު ސުވާލަކީ ލުތުފަރަކީ ރާއްޖޭގައި އުޅުނު މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތުމެވެ. އެގޮތުން މޫދު އަޑިން ފުލުހުންނަށް ފެނިފައިވާ ކަށިތަކަކީ ލުތުފަރުގެ ހަށިގަނޑުކަން ކަށަވަރުވޭތޯ ދިފާއުން ސުވާލު އުފައްދާފައިވެ އެވެ. ސަބަބަކީ ލުތުފަރު ރާއްޖެ އެތެރެވިކަން އެނގޭނެ ފަދަ އިމިގްރޭޝަންގެ ލިއުމެއް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާތީ އެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މަރުވި މިހާ ނޭނގުނު ނަމަވެސް، މީހަކު މަރާލިކަން ސާބިތުވާނަމަ ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ. މި މައްސަލައަށް ބަލާއިރު، އޭނާ ރާއްޖެ އެތެރެވިކަމުގެ ލިއުމެއް ނެތް ނަމަވެސް، އޭނާ ރާއްޖޭގައި އުޅުނުކަން ސާބިތުކޮށްދޭން އެހެނިހެން ލިއެކިއުން ދައުލަތަށް ހުށަހެޅިދާނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާއަކީ ޅައިމަގުގައި ބޯޓެއްގައި މަސައްކަތް ކުރި މީހެއްކަމާއި، އެކަމާ ގުޅޭ އިތުރު ތަފްސީލު ދައުލަތުގެ ހެކިތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށް ގާޒީ ވިދާޅުވެފައެވެ.
އަދި ކަށިތަކުން ފެނުނު ޑީއެންއޭ ލުތުފަރުގެ ޑީއެންއޭއާ ދިމާވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ސަބަބަކީ އެ ޑީއެންއޭ ލުތުފަރުގެ މައިންބަފައިންނާ ދަރިންގެ ގައިން ނެގުނު ޑީއެންއޭއާ ގުޅުވާލެވޭތީ އެވެ.
ގަސްތުގައި މީހާކު މަރާލުމުގެ ކުށް އަލަމިން އަދި ނޫރުލް އިސްމާއިލްގެ މައްޗަށް ސާބިތުވެފައިވާތީ ދައުލަތުން ވަނީ ލުތުފަރުގެ ވާރިސުންގެ މައުލޫމާތު ސާފުކޮށް އެމީހުންގެ ބަސް ކޯޓަށް ހޯދޭނެ އިންތިޒާމު ކަމާބެހޭ އިދާރާތަކާ އެކު ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ، ދެން އެ މައްސަލާގައި ބާއްވާނީ ވާރިސުންގެ ބަސް ހޯދުމުގެ އަޑުއެހުމަކާއި އަދަބު ކަނޑައަޅަން ބާއްވާ މަޖިލީހެވެ.
މައްސަލައިގެ ފަސް ފަހަތް
އެ ތިން މީހުން ތަހުގީގަށް ކިޔާދީފައިވާ ގޮތުގައި، ލުތުފަތު މަރާލުމަށްފަހު މޫދަށް ދޫކޮށްލީ އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ލުތުފަރު މަރާލުމަށް ފަހު ފުރަތަމަ އެ މީހުން ކުރި ކަމަކީ އޭނާގެ ހެދުން ބަދަލުކުރުމަށް ފަހު ނިދާ ތަނުގައި ބޭއްވީއެވެ. އެކަން އެގޮތަށް ކުރީ ބޯޓަށް ބަޔަކު އަރައި ލުތުފަރު ކޮބައިތޯ ބަލައިފިނަމަ އޭނާ ނިދަން އޮތް ކަމަށް ދެއްކުން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އެއަށްފަހު ލުތުފަރުގެ ގައިގައި ވާ އެއްސުމަށް ފަހު މޫދަށް ތިރިކޮށްފައިވާއިރު ލުތުފަރު ކަނޑުފައްތާލީ ތިން ބަސްތާ އާއި 20 ލީޓަރުގެ ކުކިން އޮއިލް ހަން ހަރުކުރުމަށް ފަހުގައެވެ. ފުލުހުން ވަނީ އެހިސާބު ކަނޑުގެ ސަރަހައްދުން އިންސާނެއްގެ ކަށިތަކާއި ތަހުގީގަށް ކިޔާދީފައިވާ ފަދައިން ބަސްތާތަކާއި ވާ ވެސް ހޯދާފައެވެ.
ލުތުފަރު މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަމަށާއި ބޯޓުން މީހަކު ހަޅޭއްލެވި ކަމަށް އާންމުން ވެސް ވަނީ ކުރިން ބުނެފައެވެ. ނަމަވެސް ބިދޭސީން ވަނީ އެއީ އޭނާގެ އަންހެނުންނަށް ގުޅައިގެން އެ ދެމީހުން ދެމެދު ކުރި ޒުވާބެއް ކަމަށް ބުނެފައެވެ. ލުތުފަރު މަރާލީ އޭނާ އާ އެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން ކަމަށް ތަހުގީގުގައި އެ މީހުން ބުނެފައި ވެއެވެ.
