ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލުގައި ބޭރުގެ ފަރާތްތަކަށް އެތަނުން ބިން ދޫކުރާނީ 99 އަހަރުގެ މުއްދަތެއްގެ ގޮތުގައި ކަނަޑައަޅާފައި ވުމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެއަކީ ރާއްޖޭގެ ސިނާއީ ހަބް ކަމުގައި ވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާއީ ތަރައްގީގެ ވަރަށް މުހިންމު ބައެކެވެ. އަދި މީގެ އިތުރުން، މާލޭގެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށް ވާއިރު، މާލޭގެ ސަރަހައްދުން، ހާއްސަ ގޮތެއްގައި މާލޭގެ ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން، 99 އަހަރުގެ މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން ހުޅުވާލުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީން ކަންބޮޑުވާ ކަމެެއް ކަމަށް ބުނެ އެ ޕާޓީޏް ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ހާއްސަ ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާ އެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރި ކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށެވެ. ކޮވިޑްގެ ގެއްލުންތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުސޫލުތައް މި ގޮތަށް ނިގުޅައި ގަތުމަކީ ބަލައި ގަނެވޭނޭ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ.

މިއީ ދިވެހި އިގްތިސޯދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުން ވާނޭ ކަމެއްގެ ގޮތުގައި ސިފަކުރަމުން އެމްއެންޕީން ބުނީ، ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަން ދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން ތިލަފުށީގެ ސިނާއީ ސަރަހައްދުން ބޭރު މީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރުމަށް އެމްއެންޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ އެޗްޑީސީން ކުރި އިއުލާނުގައި ބަޔާން ކޮށްފައި އުސޫލުތަކުގައި ބުނާ ގޮތުގައި، އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި އެ ގޮތުން އެ ބީލަމުގައި ދިވެހިން އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ބީލަމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.