ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލާއި ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭހެން މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހަޅާނެ ކަމަށް، ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނެފިއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މާދަމާ ފަށާއިރު އޮންނާނީ ރިޔާސީ ބަޔާން އިއްވުމެވެ. އެއަށްފަހު މަޖިލީހުގެ ޖަލްސާތައް ކޮންމެ ހޯމަ ދުވަހަކުން ފެށިގެން ބުދަ ދުވަހަށް ކުރިއަށް ދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރަށް ސަރުކާރުން ހުށަހަޅާ ބައެއް މުހިންމު ބިލުތަކުގެ ތެރޭގައި ހިމެނެނީ:

  • ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު
  • ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މި ބިލުތަކުގެ ތެރެއިން އެންމެ މުހިންމު ދެ ބިލަކީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތާ ގުޅޭ ބިލެއް ކަމަށް ބެލެވެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއް ނަމަވެސް، އެކަން ނުވެ ލަސްވާތީ އިދިކޮޅުންނާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ބިލުތަކުގެ އިތުރުން، ރިޔާސީ އިންތިހާބުގެ ގާނޫނަށާއި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއްގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ބިލެއް ވެސް މަޖިލިހަށް ފޮނުވާ ގޮތަށް ލިސްޓުކޮށްފައިވެއެވެ.

އެ ބިލުތަކުގެ ތެރޭގައި އަލަށް ހަދާ ހަ ގާނޫނެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި، ހައްޖާއި އުމްރާގެ ބިލާއި، އިސްރަށްވެހިންގެ ބިލު ހިމެނެއެވެ.