ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެންމެ ފަހު ވަގުތު އެހެން މީހަކަށް ދޭންޖެހޭނެ ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރުން އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން ނޫން އިތުރު ބޭފުޅަކަށް ނުލިބޭނެ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. "ހޯޕް" ކޮންފަރެންސް ނިންމަން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ތަފާތަކީ އަޑާއި މަންޒަރާއި އޯޑިއޯއާއި ވީޑިއޯ ދިމާވުން ކަމަށެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ މިހާރު ކިތަންމެ އަޑުހަރުކޮށް ޔާމީން ނޫން އެހެން ބޭފުޅަކަށް ޓިކެޓް ނުލިބޭނޭ "ގޮވިއަކަސް" އެންމެ ފަހު ވަގުތު ޕީޕީއެމް އަށް ޖެހޭނީ ޓިކެޓް އެހެން މީހަކަށް ދޭންކަމަށެވެ. "ފަހަރެއްގައި ވެދާނެ އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެން އެ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަހަތަށް އަރަނީ ކަމަށްވެސް. އެވެސް ދެން ގޮތެއް ތާ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ އެވާހަކަތައް އަމާޒު އެ ކުރައްވަނީ މަނީލޯންޑައިންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، މަތީ މަރުހަލާގެ ކޯޓުތަކުން މިނިވަންވެވަަޑައިގަތްސް އިންތިހާބާ ދެމެދު މުއްދަތު ނެތްކަމަށް ބައްލަވާފައެވެ.

ނިމިދިޔަ 2018 ވަނަ އަހަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެ މަނިކުފާނަށް ވެސް ވަނީ އޭރު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. އަދި އެންމެ ފަހު ވަގުތު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިކުންންވާ އިންތިހާބުގައި ވާދަކުރައްވައިގެން އެ ޕާޓީއަށް ވަނީ ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ.