ފިކުރެއްގެ ދިރުމުގެ ސަބަބުން މުސްތަގުބަލަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނާކާމިޔާބުވެ ވަޑައިގެންނެވުމަށް ފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ގޮއްޕެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މަވޯޓާ ވިދާޅުވީ ނަޝީދުގެ އެ މަސައްކަތުން ވާނެހާ ވެސް ކަމަކީ އެމްޑީޕީގެ ތެރޭގައި ރުޅި އާއި ނަފުރަތު އުފެދުން ކަމަށާއި ފިކުރެއްގެ ދިރުމުގެ ނަމުގައި އެ ހިންގާ ހަރަކާތަކީ ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ސިޔާސީ ނަފުރަތުގެ ސިޔާސަތު ކުރިއަރުވަން ކުރާ ކަމެއް ކަމަށެވެ.

ސިޔާސީ ގޮތުން އުފައްދާ ނަފުރަތާއި ބަދަލުހިފުންތަކުން އިޖުތިމާއީ ފޭރާން ވީދިގެންދާނެ ކަމަށާއި ގައުމު ކުރިއަށް ގެންދަން ވާނެ ގޮތަކީ އެއީ ނޫން ކަމަށް މަވޯޓާ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށްފައި ވާއިރު އެ އިންތިހާބުގައި 57،255 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ.