އަންހެނުންނާއި އަންހެން ދަރިވަރުން ތައުލީމު ހާސިލުކުރުން ތޯލިބާން ސަރުކާރުން، މަނާ ކުރުމާ ގުޅިގެން ދެކޮޅަށް އަޑުއުފުލި ޕްރޮފެސަރު އިސްމާއީލް މަޝާލް ހައްޔަރު ކޮށްފިއެވެ.
އުމުރުން 37 އަހަރުގެ ޕްރޮފެސަރު ވަނީ، ތޯލިބާނުން، އަންހެނުންގެ ތައުލީމަށް ހުރަސް އެޅި މައްސަލައިގައި އިހުތިޖާޖު ކޮށް އޭނާއަށް ލިބިފައި ހުރި ތައުލީމީ ސެތްފިކެޓްތައް މީޑިއާގެ ކުރިމަތީގައި ވީދާވެސް ލާފައެވެ. ތޯލިބާނުންގެ އެ ނިންމުމާ އޭނާ ދެކޮޅު ހަދާތާ ދުވަސް ކޮޅެއްގެ ފަހުން، މިއަދު އޭނާ ހައްޔަރު ކުރީ މަގުމަތީގައި ފޮތް ބަހަން އުޅެނިކޮށެވެ.
ހަބަރުތައް ބުނާ ގޮތުން އޭނަ ހައްޔަރު ކުރަން އުޅުނު ސެކިއުރިޓީ އޮފިޝަލުން އޭނާގެ ގައިގާ ޖަހާ، ބިންމައްޗަށް ވައްޓާލައި އަނިޔާ ކޮށްފައި ވެއެވެ. ނަމަވެސް ތޯލިބާންގެ އިންފޮމޭޝަން އެންޑް ކަލްޗާ އޮފީހުގެ އޮފިޝަލް އަބްދުލް ހައްގު ހައްމާދާ ހަވާލާދީ ބީބީސީ ބުނީ، ޕްރޮފެސަރާ މެދު ބަންދުގައި ކަންތައް ކުރާނީ ވަރަށް ރަނގަޅަށް ކަމަށެވެ.
ކުރިން ނޫސްވެރިކަންވެސް ކުރި މަޝާލް އަކީ ކާބުލްގައި އަމިއްލަ ޔުނިވާސިޓީއެއް ވެސް ހިންގި މީހެކެވެ. އޭރު އެތާނގައި 450 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދިޔައެވެ. އެ ތާނގައި ޖާނަލިޒަމް އާއި، އިންޖިނިއަރިން، އިކޮނޮމިކްސް އަދި ކޮމްޕިއުޓާ ސައިންސްވެސް ކިޔަވައިދެމުން ދިޔައެވެ. ނަމަވެސް އެ ހުރިހާ ކޯހެއް ތޯލިބާން ސަރުކާރުން ހުއްޓުވައި އެ މާއްދާތަކަކީ ނުވަތަ ޕްރޮގްރާމް ތަކަކީ އިސްލާމީ އުސޫލުތަކާ ހިލާފު އަދި އަފްގާނިސްތާންގެ ސަގާފަތާ ހިލާފު މާއްދާތަކެއް ބުނެފައި ވެއެވެ.
އަންހެނުންނަށް ޔުނިވާސިޓީތަކަށް ދިޔުން ތޯލިބާނުން މަނާ ކުރީ މިދިޔަ ޑިސެމްބަރުގައެވެ. އޭރު އަންހެން ދަރިވަރުން ސްކޫލް މަދަރުސާތަކަށް ދިޔުން އޮތީ މަނާ ކޮށްފައެވެ.
ތޯލިބާނުންގެ ހަރުކަށި ނިންމުންތަކުގެ ސަބަބުން ޔުނިވާސިޓީ ބަންދުކުރަން ޖެހި މަޝާލް މަގުމަތި ވުމުން، އޭނާ ނުކުތީ ގާޑިޔާގަނޑެއް ހަދައިގެން ފޮތް ބަހާށެވެ. އޭނާއާ ހަވާލާ ދީ ބައެއް މީޑިއާތަކުން ބުނީ، ފޮތް ބަހަން މަގުމައްޗަށް ނުކުތީ، ފުރާނަ ދިޔަޔަސް ހެޔޮ ކަމަށާއި އެކަމުގައި ވާހަކަ ނުދައްކާ ތައްބައްދައިގެން ނުހުންނާނެ ކަމަށް ބުނެއެވެ.
ކޮންމެ ދުވަހަކު އަފްގާންގެ އާންމު ޓީވީތަކަށް ވެސް މައުލޫމާތު ދޭ މަޝާލް ބުނެފައި ވަނީ، އޭނާގެ ފޮތް ގާޑިޔަލުން ހިލޭ ފޮތް ލިބޭނެ ކަމަށާއި ހިތްވަރު ހުރި ކޮންމެ މީހަކު ފޮތެއް ބަލައި ދާންވީ ކަމަށެވެ. އަދި އަންހެނުންގެ ހައްގުގައި އަދި ދިފާއުގައި އެއް ފިރިހެނަކަށް ވުރެ ގިނަ ފިރިހެނުން ތެދުވާން ޖެހޭ ކަމަށާއި އެންމެން ނުކުމެ، ތޯލިބާނުގެ އެ ނިންމުމާ ދެކޮޅަށް އަޑުއުފުލާން ޖެހޭ ކަމަށެވެ.