ޕާކިސްތާންގައި ބައިމަދު ޝިއީންގެ ތެރޭގައި ހިމެނޭ ޓީޗަރުންތަކެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގާ ހައިބާރު ޕަހުތުންހުވާގައި ހުރި ސްކޫލެއްގެ ދަރިވަރުން އިމްތިހާނެއް ހަދަމުން ދިޔަ ވަގުތެއްގައި ބަޑިހިފައިގެން ތިބި ބަޔަކު ސްކޫލަކަށް ވަދެ ޓީޗަރުންނަށް އަމާޒުކޮށް ބަޑިޖެހުމުންނެވެ. އެވަގުތު ޓީޗަރުން ތިބީ ސްޓާފް ރޫމުގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މިހާމަލައި 7 ޓީޗަރަކު މަރުވި އިރު މަގުމަތިން ދިން އިތުރު ހަމަލާއެއްގައި ހަމަ އެ ސްކޫލަށް ނިސްބަތްވާ އެހެން ޓީޗަރަކުވެސް ވަނީ މަރުވެފައެވެ. އެ ހަމަލާ އާއި ސްކޫލުގައި ދިން ހަމަލާ އަކީ ވަކި ދެހަމަލާއެކެވެ.
އަފްގާނިސްތާނާއި އިންވެގެން އޮންނަ ހައިބާރު ޕަހުތުންހުވާގެ ކުއްރަމަކީ ހަމަލާތައް ގިނަ ތަނެކެވެ. އެ ސަރަހައްދަކީ ފުލުހުންގެ މަރުކަޒުތަކެއް ހުންނަ ސަރަހައްދެއް ނަމަވެސް ދޭތެރެ ދޭތެރެ އިން ހަމަލާތައް ދެއެވެ. އެފަދަ ހަމަލާތައް ބައެއް ފަހަރު ފުލުހުންގެ މަރުކަޒުތަކަށްވެސް އަމާޒު ކުރެއެވެ.
މި ހަމަލާ ޕާކިސްތާންގެ ސަރުކާރުން ކުށްވެރިކޮށްފައި ވާ އިރު ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
މިއަދުގެ ހަމަލާގައި މަރުވި ގިނަ ޓީޗަރުން ނިސްބަތް ވަނީ ކުއްރަމްގެ ތުރީ ޝިއާ ޖަމާއަތަށެވެ. އެ ޖަމާއަތަކީ ބައިމަދު ބައެއް ކަމަށް ވާއިރު ދޭތެރެ ދޭތެރެއިން އެ ސަރަހައްދުގެ ތޯލިބާނުން އެމީހުންގެ މީހުންނަށް ހަމަލާ ދެއެވެ.